މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަނީ
ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފިއެވެ.
ބުރާސްފަތި ދުވަހަކީ ޢާންމުކޮށް ރައްޔިތުން މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ތާވަލުކުރީ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިންކަމަށް މަޖިލީހުގެ މީިޑިއާ ޑައިރެކްޓަރު ޙަސަން ޒިޔާއު ވަނީ ވިދާޅުވެފައެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮގަސްޓު 16 އިން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ބެހިގެންވާ ތިން ދައުރުގެތެެރެއިން ކޮންމެ ދައުރެއްގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއް ފެށޭ ތާރީޚުން ފެށިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ.
ފަހު ދައުރުގެ ޖަލްސާ މާދަމާ ފެށި ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި ހާމައެއް ނުކުރެއެވެ.
މަޖިލީހުގެ ދެވަނަ ދައުރު ނިންމައިލީ ޖޫން 30 ގައެވެ. އެ ދައުރުގައި ވަނީ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެއްކާބެހޭ ބިލާއި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމައިފައެވެ.