ޚަބަރު ސިޔާސީ

ބަރުލަމާނީ ގެންނަން ހުރަސްއަޅާނަމަ 2023 ގައި ޞާލިޙާއެކު ނުނިކުންނަވާނެކަމުގެ އިންޒާރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނަޝީދު. ފޮޓޯ: އަދަދު

އެމްޑީޕީގެ ހުރިހާ މެންބަރުންނާއެކު ނޫން ގޮތަކަށް 2023 ގައި ނުނިކުންނަވާނެކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ކޮންގްރެސްމަނުން ވާހަކަ ދައްކަވަން ފެށުމުގެ ގޮތުން ރައީސް ނަޝީދު ފުރަތަމަ ވެސް ވިދާޅުވީ ''މި ތިބި ގޮތަށް ތިބެއްޖެނަމަ އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑުމެނަކަށް 2023 ކާމިޔާބެއް ނުކުރެވޭނެ'' ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދޭން ޕާޓީގެ ބައެއް މެންބަރުންނަށް ފެންނަ ކަމަށާއި, ''އަޅުގަނޑުމެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް އެދުނު ނަމަވެސް އެއީ އަޅުގަނޑުމެންގެ އުންމީދު'' ކަމަށެވެ.

''މި ޕާޓީއަށް 2023 ވަނަ އަހަރުއްސުރެ ދެން ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ޒަޢާމަތުގައި ތިބެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެ ވިސްނުމަކީ މި ކޮންގްރެސްގެ ވާޖިބެއް. އަޅުގަނޑުމެންގެ ވާޖިބެއް. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް. އަޅުގަނޑުގެ ވެސް މަސްއޫލިއްޔަތެއް. ''

އެއަށްފަހު ނަޝީދު އަލިއަޅުއްވައިލެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްޗަށެވެ.

''ރަނގަޅަށް ހިސާބު ބައްލަވާ. 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޖުމްލަ ވޯޓު ދިނީ 233,889 މީހުން. މި އަދަދުގެތެރެއިން %42 ވޯޓު ޕީޕީއެމްއިން ނެގި. އެއީ 98,000 އެއްހައި ވޯޓު. 233,000 އިން 98,000 އުނިކުރީމާ މުޅި ޖުމްލަ ބާކީ މި އޮތީ 135,000 ވޯޓު. އެބަ ވަރަށް ސާފުވޭ ޖުމްހޫރީ ޕާޓީން މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށީއްސުރެ މި އިންތިޚާބުގައި 12 ނުވަތަ 15 ޕަސެންޓް ވޯޓް ނަގާ. އަދާލަތު ޕާޓީއާއި އެމްއާރްއެމްއާ ނުނަގާ 6 ޕަސެންޓް ވޯޓު ވެސް. ޖުމްހޫރީ ޕާޓީގެ 12 ޕަސެންޓް އެއީ 16,000 . އަދާލަތު ޕާޓީއާއި އެމްއާރްއެމް އެކުވީމާ 7000 ވޯޓު. ހުރިހާ ކަމަކަށް ކަނޑާ ނިމުނީމާ އެމްޑީޕީއަށް ނެގެން މިވަނީ 112,000 ވޯޓު. މި ޕާޓީ ބައިވެއްޖެނަމަ އަޅުގަނޑުމެނަކަށް އެ ވޯޓެއް ނުނެގޭނެ. މިއަދު މި އޮތް ގޮތަށް ކަންކަން އޮވެއްޖެނަމަ އަޅުގަނޑު ދެކޭ ގޮތުގައި މި 112,000 ވޯޓުން 40 ވަރަކަށް ޕަސެންޓް ވޯޓު އެމްޑީޕީއަށް ގެއްލި އަޅުގަނޑުމެންނަށް 2023 ވަރަށް ބޮޑަށް އުނދަގޫވާނެ.''

ނަޝީދު ވިދާޅުވީ ޕާޓީ މި ހާލަތުން އަރައިގަތުމަށް ''މި ޕާޓީއަކަށް އަޅުގަނޑު މުހިންމެއް ނޫން އަދި ރައީސުލްޖުމްހޫރިއްޔާ ވެސް މުހިންމެއް ނޫން'' ކަމަށެވެ. އަދި މުހިންމީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަން ކޮށްދީ ރައްޔިތުންގެ ޢާންމު ހާލަތު ރަނގަޅުކުރެވޭނެ ގޮތްތަކެއް ހޯދުންކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަ ދެން އަނބުރައިލެއްވީ ބަރުލަމާނީ ނިޒާމަށެވެ. އެ މަނިކުފާނު ވިދާޅުވީ ބަރުލަމާނީ ވިސްނުމަށް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދުކުރާކަމަށް ކުރިން ހީފުޅުކުރެއްވި ކަމަށާއި, އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ވެސް މެނިފެސްޓޯގައި ވެސް ފާސްކުރީ 18 މަސް ދުވަހުގެތެރޭގައި ނިޒާމް ބަދަލުކުރުމަށް މަސައްކަތްކުރުމަށް ކަމަށެވެ.

''އެހެން ނަމަވެސް މި ވަގުތު އެ ގޮތަކަށެއް އަޅުގަނޑުމެންގެ ތެރެއިން އެއް ބަޔަކު ނުދެކޭ. އަޅުގަނޑު އަހާ ސުވާލަކީ އަދި އެދޭ އެދުމަކީ މި ޕާޓީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކޮށް ނުވަތަ ކުރޭތޯ ނޫންތޯ އެ ސުވާލު ނުކޮށް ތިބުން. އެހެންނަމަވެސް މި ޕާޓީއަށް އެއްބަސްވެވޭ ރާއްޖޭގެ ރައްޔިތުން ގާތުގައި މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް. އަޅުގަނޑު ހުށަހެޅި ޤަރާރުގައި ވާނީ މި ޕާޓީ އެ ނިޒާމަށް އެއްބަސްވުމަކަށް ނޫން. އަޅުގަނޑު ނުވެސް އެދެން އެކަމާ ގުޅޭ ގޮތުން ތިބޭފުޅުން ގޮތެއް ނިންމަވާކަށް. އެހެން ނަމަވެސް ގޮތެއް ނިންމެވުމަށް އަޅުގަނޑު މި އެދެނީ ރައްޔިތުން ގާތުގައި އެހުމަށް.''

ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ނޫނެކޭ ބުނަންވީ ސަބަބެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮންގްރެސްގައި ވޯޓު ނެގީމާ އުފެދޭ ހައިޖާނުގެ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅެއް ނުވާ ކަމަށެވެ. އަދި އެހެން ޕާޓީތައް ބައިވެގެންދިޔައިރުގައި ކުރިމަތީގައި ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު ފެނުނު ނަމަވެސް އެމްޑީޕީ ތެރެއިން އެ މަންޒަރު ނުފެންނާނެކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''އެހެން ނަމަވެސް ތަކުރާރުކޮށް ދަންނަވާނަން މުޅި ޕާޓީއާއެކީ ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތިބޭފުޅުންނާ އެއްކޮށް ނުނިކުމެވޭނެ.'' ބަރުލަމާނީއާ ގުޅޭ ގޮތުން ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ރައީސް ޞާލިޙް ގޮވާލައްވައިފައިވަނިކޮށް އިންޒާރު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

''އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމަކީ އާދޭހަކީ އަޅުގަނޑުގެ ހިތުގެ ޚާލިސްކަމާ އެއްކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންނަށް އެންމެނަށް އެކީގާ ތިބެވެން އެބަ އޮތް.. އަޅުގަނޑުމެން އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައިގެން ބަސް ވެސް ގަބޫލުކޮށްގެން ބުއްދިވެރިކަމާ އެކީގާ ކުރިއަށް ގޮސްފިނަމަ ކުރިއަށް އޮތް އެތައް ޖީލަކަށް ވެސް މި ދިވެހިރާއްޖޭގެ ކަންކަން އިރާދަކުރެއްވިއްޔާ ނިންމަމުންދާނީ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ.'' ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. ކާސިމު

    ތިޔަބުނާ ބަރުއެތި ގެންނަން ރައްޔިތުން 100 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭ ކަމަށް އިލެކްޝަނުން ބުނާތީ އަހަރުމެންގެ ޓެކްސް ފައިސާ އިސްރާފު ކުރުމާ މަ ދެކޮޅު

  2. އަހުމަދު

    މިހާރުވެސް މިއުޅެނީ މެންބަރުން ނާޖާއިޒު ފައިދާ ހޯދަންވެގެން ކަންކަމަށް އަތްބާނާވަރުން ޕުރޮޖެކްޓްތައް ނުހިންގިގެން. އިތުރު ބާރެއް މިމީހުނަށްދޭން ބޭނުންބަޔަކު މިހާރަކު ނެތް.

  3. އަބްދޫ

    މިކަލޭގެ ހައްޔރު ކުރޭ، މިހުރީ ބަރުލަމާނީ ފްލޫ ޖެހި މޮޔަވރެފަ.