ވާހަކަ މުނިފޫހިފިލުވުން

ފޯވީތީ މިހިތް ކަރުނުން.. ( ފަނަރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

" އެހެންނޫނީ...؟ އެހެންނޫނީ ކީއް ކުރެވޭނީ.. އެއްވެސް ކަމެއް ނުކުރެވޭނެ.. އަހަރެންނަށް ދެރައެއް ދޭން ހިތަށް ވެސް ނާރުވާތި.. އެހެންނޫނީ މަންމަވެސް މިގެއިން ނިކުންނަން ޖެހޭނީ ހުސްއަތާ.. މަންމައަށް މިކްއާ އަހަރެން ދުރު ނުކުރެވޭނެ.. ދުރުކުރުވަން މަސައްކަތްވެސް ނުކުރާތި.. " މިހެން ބުނުމަށްފަހު ރޫވިން މަޑުނުކޮށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ރުޅިއައިސްގެން ދެއަތް މުށްކެވިފައި ރޫވިން ދާ ދިމާލަށް ބަލަހައްޓައިގެން މާހްރީން ހުރީއެވެ.

Ads by STELCO

*************

ޖިޔާ އައުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ޝަޖާހުއަށެވެ. އެހާ ދުވަސް ފަހުން އެއްބަނޑު ހުރި ހަމައެކަނި ކޮއްކޮ ފެނުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟ ޖިޔާއަށްވެސް ވީ އެފަދަ ގޮތެކެވެ. ޝަޖާހު ފެނުމުން އޭނާގެ ދެލޯ ފުރިގެން އައެވެ. ޖިޔާ އެކަނިން އައުމުން އެކަމާ ޝަޖާހު ޝަކުވާ ކުރިއެވެ. ކައިވެނީގެ ދުވަސް އެހާ ކައިރިވެފައި ވަނިކޮށް މިކައިލާވެސް އެނބުރި ދިޔައީތީ އެކަމާ ވެސް ދެރަވާ ކަމުގައި ބުންޏެވެ. ޙާއްސަ ގޮތެއްގައި ދިޔަފަހުން މިކައިލާގެ ހަބަރެއްވެސް ނުވާތީއެވެ. ޖިޔާގެ ފިރިމީހާގެ ނަލީރްއަށް ނާދެވުނީ އޮފީހުގައި ބުރަ ދުވަސް ކޮޅެއް ކަމުގައި ވުމުން ކަމުގައި ޖިޔާ ބުންޏެވެ. އެކޮޅަށް ދިޔަފަހުން މިކައިލާގެ ހަބަރެއް އޭނާއަށްވެސްވީ އެންމެ ފަހަރަކު ކަމުގައި ބުންޏެވެ. ގެއަށް ނައިސް މިކައިލާ ހުރީ އޭނާގެ ރަހުމަތްތެރިޔާގެ ގޭގައި ކަމުގައިވެސް ބުންޏެވެ.

ލާނެ ހެދުމެއް ފައިނަލް ކޮށް މިން ނަގަން ދާންވީ ކަމުގައި މާހްރީން ބުނުމުން ޖިޔާ ބޭނުންވީ ހުރިހާ ކަމެއް ބެހެއްޓުމަށްފަހު އެންމެ ފުރަތަމަ ރޫވިންގެ ވާން އުޅޭ އަނބިމީހާއާ ބައްދަލު ކޮށްލާށެވެ. ޝަޖާހުގެ އެދުމުގެ މަތިން ސަނަމް ބަލާ ދިޔައީ ރަނަކްއެވެ. ސަނަމް ފެނުނު ހިނދުން ފަށައިގެން އޭނާއަށް ތައުރީފުކުރުން ނޫންކަމެއް ޖިޔާއަށް ނުކުރެވުނެވެ. ޖިޔާއަކީ މިކައިލާގެ މަންމައޭ ބުނުމުން ސަނަމްއަށް ޤަބޫލެއް ނުކުރެވުނެވެ. ޖިޔާއަށް ބަލާލާފައި ބާވީސް އަހަރުގެ ކުއްޖެއްގެ މަންމައެކޭ ނުބުނާނެއެވެ. މިކައިލާއެކޭ އެއްފަދަ ދޮންކަމެއް ލިބިފައިވާ ޖިޔާއަށް ލިބިފައިވަނީ ފަން ދިގު އިސްތަށިގަނޑެކެވެ. މިކައިލާއަށްވުރެ ކުޑަ ތަންކޮޅެއް ފަލަކޮށް ދެއްކިނަމަވެސް މިކައިލާއަށް ލިބިފައި އެވާ ރީތިކަމަކީ ޖިޔާގެ ފަރާތުން ވާރުތަވެފައިވާ ރީތިކަމެއްކަން ޔަގީނެވެ.

*************

ރުޒައިކް އެގެ ދޫކޮށް ތީން ކައިރިއަށް އެގެއަށް ބަދުލުވާން އުޅޭ ވާހަކަ ޝަޖާހު ކައިރީގައި ބުނީ މާހްރީންއެވެ. އެކަމާ ނުރުހި ރުޒައިކްއާ ޝަޖާހު ދެބަސްވާ ހިސާބަށް ދާނެކަމަށް މާހްރީން ހީކުރިއެވެ. އެކަމާ ގުޅިގެން ޝަޖާހުގެ ފަރާތުން ލިބުނު ޖަވާބުން މާހްރީންއަށް ދަތްކުޑިވިކައިލެވުނެވެ. ރުޒައިކް ކަންތައް އެކުރީ އެންމެ ރަނގަޅަށޭ ބުނެ ރުޒައިކްއަކީ އަނބިމީހާއަށް އަޅާލާ އޯގާތެރި ފިރިހެނެއްކަމަށް ޝަޖާހު ބުންޏެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ރުޒައިކްއަށްޓަކައިވާ ލޯބި އެތައް ގުނައަކަށް އިތުރުވެފައިވާ ކަމުގައި ބުންޏެވެ. ރުޒައިކް ފަދައިން ރޫވިންވެސް އެކަހަލަ އޯގާތެރި ފިރިއަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމުގައިވެސް ބުންޏެވެ. ރުޒައިކް ކޮންމެ ތަނަކު ހުއްޓަސް އޭނާއާ އޮތް ގުޅުން ނުކެނޑޭނެކަމުގައި ބުނުމުން މާހްރީންއަށް ލިބުނު ފޫހިކަމުގައި ދަތްކުޑިވިކައިލެވުނެވެ. ޝަޖާހުގެ ހަމައެކަނި ޝަކުވާއަކަށް ވީ ލިބެން އުޅޭ ފުރަތަމަ ކާފަ ދަރިފުޅާ ވަކި އުޅެން ޖެހުމެވެ. މާހްރީން އެކަމާ އިތުރަށް ވާހަކަ ނުދެއްކީ ރުޒައިކްއާއި ޝަޖާހު ޖެއްސުމުގެ އޭނާގެ  މަޤްސަދު ހާސިލް ނުވުމުންނެވެ.

***********

ފިހާރައަކުން ވިޔަފާރި ކުރި ކޮތަޅުތައް ހިފައިގެން ނިކުތް ރަނަކްއަށް ސިހުމެއް ލިބުނީ ފިހާރަ ދޮރުމަތީގައި ސައިކަލުގައި އިން ނިއަލް ފެނިފައެވެ. ފުޅާ ހިނިތުންވުމެއް ދެމުން އެތަނުގައި ކީއްކުރަނީތޯ ނިއަލް ކުރެން ރަނަކް އެހިއެވެ.

" އިރުކޮޅެއް ކުރިން މެސެޖް ކޮށްފަ ބުނީމެއްނު ޝޮޕިން އަކަށް ނިކުންނަ ވާހަކަ.. މިކީ ދިއުމުން ފޫހިވެފައި ހުރި ވާހަކަ ބުނުމުން ހިތަށް އެރީ ރަނަކްއާ އެކީ ޝޮޕިންގ ކޮށްލާނީއޭ.. އެކަމަކު ހީވާ ގޮތުން މާ ލަހުން ކަންނޭނގެ މިއާދެވުނީ.. " ރަނަކްގެ އަތު ތެރޭގައިވާ ކޮތަޅުތަކަށް ބަލައިލަމުން ނިއަލް ބުންޏެވެ. ނިއަލް އޭނާއާ މެދު ވިސްނާ ވަރު އެނގުމުން ތަފާތު ފޮނިކަމެއް ރަނަކްއަށް އިހުސާސްވިއެވެ. ނިއަލް އާ އެކު ވަގުތު ހޭދަކޮށްލަން ލިބުނު މިފުރުސަތު އެހާ ފަސޭހައިން ދޫކޮށްލާކަށް ރަނަކް ބޭނުމެއްނުވިއެވެ. އެހެންވެ ދޮގެއް ހަދަން އޭނާއަށް މަޖުބޫރުވިއެވެ.

" ނޫނޭ.. އަދި ނުނިމޭ.. އަދި ޖެހޭ ދޮންބެއާއި ސަނަމްއަށް ރަނގަޅު ހަދިޔާއެއްވެސް ގަނެލަން.. " ރަނަކް ބުންޏެވެ.

" އެހެންތަ!! އަހަރެންވެސް ބޭނުން ރަނަކްގެ ދޮންބެއާ ވާން އުޅޭ ފަހަރިއަށް ގިފްޓެއް ގަންނަން.. އަދި އުނދަގޫ ނުވަންޏާ އަހަރެންނާއެކު ރީތި ގަމީހެއް ގަނެލަން ދެވޭނެތަ؟ " ނިއަލް އެދުނެވެ.

" ޔަގީނެއްނު... މިއަންނަނީ ކާރަށް ކޮތަޅުތައް ލާފަ ގެއަށް ފޮނުވާލާފަ.. " މިހެން ބުނެ ރަނަކް ދުރުގައި ޕާކް ކޮށްފައި އޮތް ކާރާ ދިމާލަށް ހިނގައިގަތެވެ.

*********

އެނދުމަތީގައި އޮތް ކައިވެނީގެ ހުދު ހެދުމަށް ބަލަހައްޓައިގެން އިން ސަނަމްގެ ހިތްވަނީ އަވަސްވެފައެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އިރުއިރުކޮޅުން ފާރުގައިވާ ގަޑިއަށް ބަލައިލެވެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މީހެއްގެ ހައްޤަކަށޭ ހިތަށް އެރުމާއެކު ހިތާއި މެއިން ފިނިދިލައެއް ނަގާލިހެން ހީވިއެވެ. އޭނާގެ ހިތުން އެންމެ ހިނދުކޮޅަކުވެސް އައިދްގެ ހަނދާންތައް ފިލައިގެން ނުދެއެވެ. އައިދްއާ ކައިވެނި ކުރި ދުވަހު އުފަލުން ގޮސް އުޅެވޭ ގޮތެއްވެސް އޭނާއަށް ނޭނގުނެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ތުންފަތްމަތިން ހިނިތުންވުން ނުފިލައެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެމުން ދިޔައީ އައިދްގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނާނެ ވަގުތަށެވެ. އެހެނަސް މިފަހަރު އޭނާއަށް ލިބިފައިވަނީ ބޭޤަރާރުކަމެކެވެ. މީހުން ކުރިމަތީގައި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވާ ކައިވެންޏާ ރުހޭކަން ދެއްކިނަމަވެސް އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އެއްވެސް ކަހަލަ އުފަލެއް އިހުސާސް ނުވަނީ ކީއްވެކަމެއް ނޭނގެއެވެ. އެފަދަ ވިސްނުމެއްގައި އިންދާ ރަނަކްއާއި މާއިފާ މޭކަޕް ކުރާ ކުދިން ގޮވައިގެން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. މޭކަޕް ކުރަން ފެށުމުގެ ކުރިން ސަނަމް ބޭނުންވީ ވުޟޫކޮށްލާށެވެ. ކައިވެނީގެ މަޖިލީހަށް ހާޒިރުވުމުގެ ކުރިން ނަމާދުކޮށްލެވޭނީ އޭރުންނެވެ.

ސަނަމްގެ އެދުމުގެ މަތިން ކުރީ ލުއި މޭކަޕެކެވެ. ތުންފަތް ފަވާލާފައިވާ ބެރީ ނޫޑް ކުލަ ސަނަމްއާ ނުހަނު ގުޅެއެވެ. އެދުވަހަށް ޙާއްސަކޮށް ސަނަމްގެ ދިގު އިސްތަށިގަނޑު ރާޅުބާނީ ކޮށްލާފައިވިއެވެ. އެއްއަރިއަކަށް އިސްތަށިގަނޑުގެ ބޮޑުބައި ގެންގޮސްފައިވާއިރު ކުރިމަތީގެ ދެފަރާތުން ދެއިސްތަށިކޮޅު ފަހަތަށް ގެންގޮސް ރީތި ދައްޗަކުން ހައްޔަރުކޮށްލާފައިވިއެވެ. ހުދުކުލައިގެ ބޮޑު ހެދުމުގައި ސަނަމް ރަސްދަރިކަނބަލެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މޭމަތިން ފެށިގެން އުނަގަނޑާ ހަމައަށްވާ ބައި ގަޔަށް ހިފާލާފައިވާއިރު އުނަގަނޑުން ފެށިގެން ތިރިއަށް ވާބައި ވަނީ ފުޅާކޮށެވެ. އެތެރެއިން ކެންކޭނެއް ލާފައި ހުރުމުން އެބައި ފުއްޕާލާފައި ހުރިގޮތް ނުހަނު ރީއްޗެވެ. ކޮނޑުކަށިގަނޑުން ފެށިގެން މޭމައްޗާ ހަމައަށް ވާ ބައި ވަނީ ހުދުކުލައިގެ މާޖެހި ލޭސްފޮތިންނެވެ. އުޅަނބޮއްޓާއި ހަމައަށްވާ އަށް ވާ އަތްކުރިވެސް ވަނީ ހަމަ އެކަހަލަގެ ލޭސް ފޮތިންނެވެ. އެންމެ ފަހު ކަމަކަށް ރަނަކް އައިސް ހުދާއި މަޑުނޫލައިން ވާ ބުކޭ ސަނަމްގެ އަތުތެރެއަށް ލައިދިނެވެ.

އެދުވަހަށް ޙާއްސަކޮށް ރަނަކްއާއި މާއިފާ ލާފައިވަނީ ދެގޮތަކަށް ފަހާފައިވާ ނޫކުލައިގެ ދިގު މެކްސީ ހެދުމެކެވެ. އިރުކޮޅަކުން މާހްރީން އާއި ޖިޔާވެސް އައިސް އެކޮޓަރިއަށް ވަނެވެ. ސަނަމް ފެނުމުން ޖިޔާ ތައުރީފުގެ ބަސްތައް އޮއްސާލިއިރު މާހްރީންވެސް އެކަމަށް އެއްބަސްވަމުން ދިޔައެވެ.

" ދެން ހިނގާ އަވަހަށް ދާން.. މިހާރުވެސް މާލަސްވެއްޖެ.. ޝަޖާހު ގުޅި އަދަދެއްވެސް ނޭނގެ.. " މާހްރީން ބުންޏެވެ.

ހަތަރު އަންހެނުންނާއެކު ސިޑިން ފައިބަމުން އައި ސަނަމްއަށް ގޮނޑީގައި އިން ސިލްމާ ފެނުނެވެ. ސިލްމާ ކައިރީގައި ހަބީބާވެސް ހުއްޓެވެ. ސަނަމް ފެނުމުން ސިލްމާގެ ދެލޯ ފުރިގެން އައެވެ. އެފަދަ ޝާހީ ގޮތަކަށް އޭނާގެ ދަރިފުޅު ފެނިދާނެ ކަމަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ސަނަމް އައިސް ސިލްމާ ކައިރީގައި ހުއްޓުމުން ސިލްމާ ސަނަމްގެ އަތުގައި ހިފައިލިއެވެ.

" މާޝާﷲ.. މަންމަގެ ސަނަމް ހާދަ ރީއްޗޭ.. " ސިލްމާ ބުނެލިއެވެ.

" މަންމައާއި ހަބިއްތަވެސް ވަރަށް ރީތި މިއަދު.. " އުފާވާ ކަމަށް ދެއްކެމުން ސަނަމް ބުނެލިއެވެ. އެހިނދު ސިލްމާއާއި ހަބީބާ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އަނެއްކާވެސް މާހްރީން ލަސްވާ ވާހަކަ ބުނުމުން އެންމެންވެސް ގެއިން ނިކުންނަން ދާން އަވަސްވެގަތެވެ.

***********

ތީންއަށް ކޮޓަރިން ނިކުމެވުނީ ތަލްޔާ ގެއިން ނިކުންނަން އުޅެނިކޮށެވެ. ދަނީ ކޮންތަނަކަށްތޯ އެހުމުން އެއްޗެކޭ ބުނަން ތަލްޔާ ޖެހިލުންވިއެވެ. އެހެނި އޭނާ އެދާތަނެއް އެނގިއްޖެނަމަ ތީން ރުޅި އަންނާނެކަން ޔަގީނެވެ.

" މިދަނީ ރައްޓެއްސެއް އަތަށް ދީފައި އޮތް ހެދުމެއް ބަލާ.. " ތަލްޔާ ބުންޏެވެ. ނަމަވެސް ތީން ދެލޯ ކުޑަކޮށްލި ގޮތުން އޭނާ އެވާހަކަ ގަބޫލުނުކުރާކަން ތަލްޔާއަށް އެނގުނެވެ.

" ސަނަމްގެ ކައިވެންޏަށް ދޯ ތިދަނީ.." ޝައްކެއްގެ މަތީގައި ހުރެ ތީން އެހިއެވެ.

" ދާން ޖެހޭނެއްނު ދަރިފުޅާ... ރުޒައިކްގެ ބައްޕަ ވިއްޔާ ކާޑު ހިފައިގެން ދައުވަތު ދޭން އައީވެސް.. ކޮންމެ ގޮތެއް ވިޔަސް އެއީ ދަރިފުޅާ ވަރަށް ބޮޑަށް ގުޅިފައި އޮތް ބައެއް ދޯ.. ތީން ނުދިޔަސް ތީންގެ އާއިލާގެ ފަރާތުން މީހަކު ދިޔައިއްޔާ އެމީހުން ހިތްހަމަޖެހޭނެއްނު.. ހަމަ ދަރިފުޅަށްޓަކައޭ މަންމަ މިދަނީ.. " ތަލްޔާ ބުންޏެވެ.

" އެމީހުން ހިތްހަމަޖައްސަދޭން އަހަރެން ބޭނުމެއް ނޫން.. މަންމަ ތިދަނީ ކޮންމެހެން އަހަންނަށްޓަކައެއް ނޫން.. ސަނަމްއަށްޓަކާ.. " މިހެން ބުނެ ތީން އެނބުރި އޭނާގެ ކޮޓަރިއަށް ވަނެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ތަލްޔާ ގޭ ދޮރު ހުޅުވާލާފައި ނިކުތެވެ.

*************

ތަނުގައި މާބޮޑު ޒީނަތްތެރިކަމެއް ނުވެއެވެ. ފެންނަމުން ދިޔަ ސާފު ނޫ އުޑާއި މޫދުން މުޅި ތަން ޒީނަތްތެރި ކުރުވާފައި ވާކަހަލައެވެ. ރީތި މިއުޒިކެއް ޖަހާފައި ނުވިނަމަވެސް މޫދުން ނަގާ ކުދި ކުދި ރާޅުތަކުގެ އަޑުންނާއި ދޮންވެލިގަނޑަށް ރާޅު ބީއްސާ ހިތްގައިމު އަޑު މިއުޒިކަކަށް ފުދެއެވެ. ކައިވެނި އޮންނަ ހިސާބު ފާހަގަ ކުރުމުގެ ގޮތުން ހަތަރުފަރާތުގައި ހުދުކުލައިގެ ހަތަރު ތަނބު ބެހެއްޓިފައިވިއެވެ. ކޮންމެ ތަނބެއްގެ މެދުގައި ކުދި ކުދި ތަނބުތަކެއް ހުރއިރު އޭގެއިން ކޮންމެ ތަނބެއްގެ މަތީގައިވަނީ ހުދާއި ނޫކުލައިގެ މާތަކެކެވެ. ދެމަފިރިން ހުއްޓި ހުންނަން ފަނުން ހަދާފައިވާ ދޮރެއް ކަހަލަ ތަންވަނީ ހުދާއި ނުލުގެ ފޮތިން ޖަރީކޮށްފައެވެ. މެހެމާނުން ތިބެން އެކި ހިސާބުގައި ބަހައްޓާފައި ހުރި މޭޒުތައްވެސް ވަނީ ހުދާއި ނުލުން ޒީނަތްތެރިކޮށްފައެވެ.

ގާޒީއާއި އޭނާގެ ޓީމަށް ސަލާމް ގަލާމް ކުރުމަށްފަހު އިންނަންވީތަން ދައްކައިދިނީ ޝަޖާހުއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ ގުޅި މާހްރީން އަށެވެ. އަދިވެސް އެމީހުން ނާންނާތީއެވެ. އެމީހުންނަށްވުރެ ތަންކޮޅެއް ދުރުގައި ރޫވިންއާއި ރުޒައިކް ހުއްޓިގެން ތިއްބެވެ. މަޑުނޫކުލައިގެ ޓަކްސީޑޯ އާއި ހުދު ގަމީހުގައި  ރޫވިން ހުރިއިރު ރުޒައިކް ލައިގެން ހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ޖިންސެކެވެ. އެންމެންގެ މެދުގައި ހުރެގެން އަންނަ ސަނަމް އެންމެ ފުރަތަމަ އަޅައިގަތީ ރުޒައިކްގެ ލޮލުގައެވެ. އެވަގުތު ރޫވިން ގައިގާ ޖެހިގަންނަމުން ލޮލިގެ އިޝާރާތުން ރޫވިންއަށް އެމަންޒަރު ދައްކައިލިއެވެ. ސަނަމްއަށް ބަލައިލި ރޫވިން މޫނުމަތީގައިވީ ފޫހިކަމެވެ. އެހެންނަމަވެސް ސަނަމްގެ ރީތިކަމާމެދު އޭނާއަށް ދެބަހެއް ނުވެވުނެވެ. ބަލަހައްޓައިގެން ހުރެވުނުކަންވެސް އޭނާއަށް އެނގުނީ ރުޒައިކް ކަރުކެހިލުމުންނެވެ.

ސަނަމް ގެންގޮސް އޭނާ  އިންނަންވީ ގޮނޑީގައި ބޭންދީ މާހްރީންއެވެ. އެވަގުތު ދުރުގައި ހުރި ރޫވިންއަށް ޝަޖާހު އަތުން ހަނާއަޅައިލީ އެތަނަށް އައުމަށް ބުނެއެވެ. ސަނަމްއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ރޫވިން މޭޒުގައި އަތް އަޅުވައިލިއެވެ. ފިނިވެފައިވި އިން ސަނަމް އިސްޖަހައިލި ގޮތަށް އިނީއެވެ. ކައިވެނީގެ ހުތުބާ ކިޔަމުން ދިޔައިރު އެކަމަށް މާބޮޑު ސަމާލުކަމެއް ރޫވިންއަށް ނުދެވުނެވެ. އޭނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވީ މިކައިލާގެ ހިޔާލުތަކުންނެވެ. ނަމަވެސް ސަނަމް އިނީ ކަނުލާ އަޑުއަހާށެވެ. މީހެއްގެ އަނތްބަކަށްވާ ހިސާބުން ފެށިގެން އޭނާ ދެކެ ލޯބިވޭތޯ މަސައްކަތް ކުރުމަށް ސަނަމްގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ. އެހިސާބުން އެހެންމީހަކަށް އެހިތުގައި ލޯތްބެއް އޮތްނަމަ އެލޯބި ފޮހެލާ އެމީހަކު މަތިން ހަނދާން ނައްތާލަން ކުރެވުނުހާ މަސައްކަތެއް އޭނާ ކުރާނެއެވެ. ފިރިމާހާއަށް ވަފާތެރިކަން މަތީ ދެމިހުރުމަކީ އޭނާއަށް ވާޖިބުކަމެކެވެ.

ރޫވިން އަނބި ޤަބޫލުކޮށްފީމޭ ބުނި ހިނދު ސަނަމްއަށް ދެލޯ މަރައިލެވުނެވެ. އެވަގުތުގެ ފޮނިމީރުކަން ސަނަމްއަށް އިހުސާސެއް ނުވިއެވެ. ބަދަލުގައި އެހިތުގައިވާ ނުތަނަވަސްކަން އިތުރުވިއެވެ. ތަނުގައި ގުގުމާލަފައިވީ ތަރުހީބުގެ އަޑުންނެވެ. ސަނަމްގެ ދެފަރާތުގައި ހުއްޓެމުން އެންމެ ފުރަތަމަވެސް މަރުހަބާކީ ރަނަކްއާއި މާއިފާއެވެ. ގާޒީއާ އޭނާގެ ޓީމު ގޮވައިގެން ޝަޖާހުއާއި ރޫވިން ދުރަށް ޖެހުމުން ހުރިހާ އަންހެނުންތައް އައިސް ސަނަމްއާއި ރޫވިންއަށް މަރުހަބާ ކިޔެވެ. ދެމީހުންގެވެސް މޫނުމަތިން ހިނިތުންވުން ދައްކަމުން އެމީހުންގެ މަރުޙަބާތަކަށް ޝުކުރުއަދާކުރަމުން ދިޔައެވެ.

**************

ފޭސްބުކުން ލައިވް ކުރަމުން ދިޔަ ރޫވިންގެ ކައިވެނީގެ ހަފްލާ ބަލަހައްޓައިގެން އިން މިކައިލާގެ ދެލޮލުން ހިފެއްހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ލެވެމުން ދިޔަ ގިހުން އެހިތަށް ކޮށްފައިވާ ފުން އަސަރު ހާމަވެގެންދެއެވެ. ރޫވިން އަނބި ޤަބޫލް ކޮށްފީމޭ ބުނުމާއެކު އައި ރުޅީގައި ފޯނު ދުރަށް އެއްލައިލިއެވެ. އެވަގުތު ފާރުގައި ޖެހިފައި ފޯނުގެ އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. އެއޮއް އަގުބޮޑު ފޯނު ހަލާކުވުމުން އެކަމާ މިކައިލާ ކުޑަވެސް ދެރައެއް ނުވެއެވެ. އެފޯނަށް ވުރެ ބޮޑަށް ހަލާކުވެފައިވަނީ އޭނާގެ ހިތެވެ. ފޯނަށްވުރެ ބޮޑަށް ފުނޑިފުނޑިވެފައިވަނީ އޭނާގެ ހިތެވެ. މިކައިލާއަށް ސަނަމްދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. މިހުރިހާ ކަމެއްވެސްވީ އޭނާގެ ސަބަބުންނެވެ. އެމީހުންގެ ދިރިއުޅުމަށް ސަނަމް ނައިނަމަ ރޫވިން ހުންނާނީ އޭނާގެ މީހެއްގެ ގޮތުގައެވެ. ރޫވިންއާ ކައިވެނި ކުރި ނަމަވެސް ސަނަމްއަށް އެންމެ ހިނދުކޮޅެއްގެވެސް ހަމަޖެހުމެއް ނުދެން ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.

****************

މާގިނައިރެއް ނުވެ މެހެމާނުން އަންނަން ފަށައިފިއެވެ. ފަހަރަކު މީހެއް އައިސް އެމީހުންނާ ސަލާމް ކުރުމަށްފަހު މަރުހަބާ ކިޔާފައި ދާއިރު ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރުން ވީ ރޫވިންއަށް އުނދަގޫ ކަމަކަށެވެ. އިރުއިރުކޮޅާ ފޮޓޯ ނަގާ މީހުން އައިސް އެކި ގޮތްގޮތަށް ތިބެން ބުނުމުން އޭނާ ކައިރިއަށް އަންނަމުން ދިޔައީ އަމަށަކު ރުޅިއެއް ނޫނެވެ.

ހިނިތުންވެ ހުރި ސަނަމްއަށް ކުއްލިއަކަށް ތަފާތު އިހުސާސެއް ކުރެވެން ފެށުނެވެ. ކޮންމެވެސް މީހަކު އޭނާއާ ދިމާލަށް ވަރަށް ގަދަޔަށް ބަލާހެން ހީވެ އެކި ދިމާ ސަނަމްއަށް ހޯދައިލެވުނެވެ. އެއްވެސް މީހެއްގެ ހާއްސަ ނަޒަރެއް އޭނާއަށް ނުވާތަން ފެނި އެއީ ކުށްހީ ކަމަށް ހީކުރެވުނެވެ. ނަމަވެސް އެއިހުސާސް ފިލާ ގޮތެއް ނުވިއެވެ. ކޮންމެވެސް މީހެއްގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައިވާކަން ސަނަމްއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ކުއްލިއަކަށް ސަނަމްގެ ހިތަށް އައިސް ވަނީ އެލްގެ ނަމެވެ. އެއާއެކު ތެޅި ގަނެފައި ސަނަމް އެކި ދިމާ ދިމާ ބަލަން ފަށައިފިއެވެ.

" ކާކު ތި ހޯދަނީ..؟ " ކުރިމަތިން އިވުނީ ގައިމުންވެސް ގޭ މީހެއް ނޫނީ ދަންނަމީހެއްގެ އަޑެއް ނޫނެވެ. ސަނަމް އަވަސް އަވަހަށް އެމީހަކަށް ބަލައިލިއެވެ.

Ads by HDC
  1. އިތުރަށް ހަމަ ލޯތްބޭ ވެވެނީ، ވާހަކަ ކޮބާތަ؟ އަޕްޑޭޓް ނުވަނީ ކީއްވެތަ؟؟؟؟؟؟؟؟؟؟؟؟؟