ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ ބޯޓެއްގެ ވެރި ފަރާތް ހޯދަނީ
ތ.ވޭމަންޑޫ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ފައިބަރު ބޯޓެއްގެ ވެރި ފަރާތް ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ވޭމަންޑޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅަނގުފަރާތު ފަޅުގައި އަޅާފައިވާ ފައިބަރު ބޯޓެއް ވާ ކަނޑައިގެން ގޮސް އެ ރަށުގެ ހުޅަނގު ފަރާތު ގޮނޑުދޮށަށް ލައްގާފައިވާ ކަމަށެވެ.
އެ ބޯޓު އެ ތަނުގައި އެ ގޮތަށް އޮވެއްޖެނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށާއި, ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ސަރަހައްދަކީ ރަށުގެ އޮޑި ދޯނިފަހަރު އެހެލުމާއި އަދި އޮޑިއެއް ބަނުމުގެ މަސައްކަތް ކުރާ ސަރަހައްދެއްކަމުން އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ދަތި އުނދަގޫތަކެއް ވެގެންދާނެކަމަށް ވެސް ކައުންސިލުގެ އިއުލާނުގައިވެއެވެ.
އެހެންކަމުން އެ ބޯޓުގެ ވެރި ފަރާތް ހޯދުމަށް ބޭނުންވާ ކަމަށާއި, އެ ބޯޓުގެ ވެރި ފަރާތެއްވާނަމަ 30 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން އެ އިދާރާއަށް އަންގަވައި ދެއްވުން އެދޭ ކަމަށް އިއުލާނުގައިވެއެވެ.
އެ މުއްދަތުގެތެރޭގައި ބޯޓުގެ ވެރިފަރާތެއް ވާކަން އެ އިދާރާއަށް ނާންގަވައިފިނަމަ, ވެރި ފަރާތެއް ނެތް އުޅަނދެއް ކަމަށްބަލައި ގަވާއިދުވާ ގޮތުގެ މަތިން (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ތ. ވޭމަންޑޫ) ބޯޓާމެދު އަމަލުކުރެވޭނެކަމަށް އިއުލާނުގައި ވަނީ އަންގާފައެވެ.