ޚަބަރު ޝަރުޢީ ދާއިރާ

ޔޯގާ ހަމަނުޖެހުން: ޝަބިމް ދޫކޮށްލަން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝަބިމް އަދި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ފާރިޢު. ފޮޓޯ: ފުލުހުން

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ފ.ދަރަނބޫދޫ, އާބާދީ, ޝަބިމް އާދަމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.

Ads by MWSC

ގަލޮޅު ދަނޑުގައި ހަރަކާތް ހިނގަމުން ދަނިކޮށް، އެ ތަނަށް ބަޔަކު ވަދެ، އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، ހަމަނުޖެހުން ހިންގައި, ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ޝަބިމް ހައްޔަރުކުރީ ޖޫން 25 ގައެވެ. ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލީ މި މަހުގެ 05 ގައެވެ.

އެ ގޮތުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ދައުލަތުން ވަނީ, މި މަހުގެ 05 ގައި ފުލުހުންގެ ފަރާތުން ޝަބިމް އާދަމް އިތުރަށް ބަންދު ގައި ބަހައްޓައިދިނުމަށް އެދުނުއިރު، ޝަބިމްގެ ތަޙުޤީޤަށް އިތުރުކޮށްދީފައިވާ މުއްދަތު ހަމަނުވާކަމަށާއި، ތަޙުޤީޤު ފުރިހަމަކޮށް އެ އޮފީހަށް ހުށަހަޅާފައި ނުވާކަމަށްވެސް ފާހަގަކޮށްފައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމާމެދު ސުވާލު އުފެދިފައިނުވާ ކަމަށާއި، އެކަން ކްރިމިނަލް ކޯޓުން ވެސް ޤަބޫލުކުރައްވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެ ގޮތުން ދައުލަތުން އެދުނީ ދަށު ކޯޓުގެ އަމުރު ބާޠިލުކަމަށް
ކަނޑައަޅުއްވައިދެއްވައި، ޝަރީޢަތް ނިމެންދެން ނުވަތަ ތަޙުޤީޤުގެ މަރުހަލާ ނިމެންދެން ރިމާންޑް ޖަލެއްގައި ޝަބިމް ބަންދުކޮށްދިނުމަށެވެ.

ހައިކޯޓުން އިއްޔެ ކުރި ޙުކުމުގައި ބުނީ ކްރިމިނަލް ކޯޓުން ޝަބިމް ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ނެރުނު އަމުރަކީ ބާޠިލު އަމުރެއްކަމަށް ކަނޑައަޅައި، އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް ހުށަހަޅައިފިނަމަ، މި ޤަޟިއްޔާގައި
ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ބަންދާމެދު ގޮތެއް ކަނޑައަޅަން އަންގާ ޙުކުމްކުރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!