ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަރުކަށި ފިކުރޭ ކިޔައިގެން ކަންކަން ހާސިލުކުރަން އުޅޭ އުޅުން ހުއްޓައިލަންޖެހޭ: މޮސްޓާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުޙައްމަދު ނަޝީދު. ފޮޓޯ: މަޖިލިސް

ހަރުކަށި ފިކުރޭ ކިޔައިގެން ވަކި ކަންތައްތަކެއް ހާސިލުކުރަން, ވަކި ބައެއްގެ ބޮލުގައި ވަކި ޓެގެއް އަޅުވައިގެން ކަންތައްތައް ކުރާ ކުރުން ހުއްޓާލަން އެބަޖެހޭކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) މިއަދު ވިދާޅުވެއްޖެެއެވެ.

Ads by MWSC

ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދައި, ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ގޮވާލައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނުވަތަ އިސްލާމިކް މިނިސްޓްރީން ނުވަތަ ހޯމް މިނިސްޓްރީންކަމަށް ވިޔަސް, ހަރުކަށި ފިކުރަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭ ގޮތަށް ތަންކޮޅެއް ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ޮމޮސްޓާ ވިދާޅުވީ ހަރުކަށި ފިކުރޭ ކިޔައިގެން ވަކި ކަންތައްތަކެއް ހާސިލުކުރަން ވަކި ބައެއްގެ ބޮލުގައި, ވަކި ޓެގެއް އަޅުވައިގެން ކަންތައްތައް ކުރާ ކުރުން ހުއްޓާލަން އެބަޖެހޭ ކަމަށެވެ.

މޮސްޓާ ވަނީ ކޮންމެ ކަމެއް ދީނީ ކަމަކަށް ހަދައި ދީނީ މީހުންގެ ބޮލުގައި އަޅުވަން މަސައްކަތް ނުކުރުމަށް ވެސް ގޮވާލައްވައިފައެވެ.

މީގެ އިތުރުން މޮސްޓާ ވިދާޅުވީ ލާދީނީ މީހުންނަށް އެ މީހުން ބޭނުންވާކަމެއް ކުރުމުގެ މިނިވަންކަން މި ޤައުމުގައި އެބަ އޮތް ކަމަށާއި, އެކަމަކު އިސްލާމްދީނޭ ކިޔާފައި އެ މީހާ ކަމެއްކޮށްފިއްޔާ އެ މީހަކު ހަދަނީ ހަރުކަށި ފިކުރުގެ މީހަކަށް ކަމަށެވެ. އެ ގޮތުން އެތައް ބަޔަކަށް ނުޙައްޤުން ޓެރަރިޒަމްގެ ދަޢުވާކޮށްފައި މިހާރު ވެސް ވާނުވާ ޖަހައި ޖަލުގައި ބަންދުކޮށްފައި އެބަތިބިކަން ވެސް މޮސްޓާ ފާހަގަކުރެއްވިއެވެ.

މޮސްޓާ ވިދާޅުވީ ލާދީނީ މީހުންގެ ނުފޮރުއްޕާން ރާއްޖޭގައި މާ ބޮޑުވެފައިވާ ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި މި ކަންތައްތައް އޮތީ މާ ލުއި ކަންތައްތަކެއްގެ ގޮތުގައި ކަމަށާއި, ޒިނޭ ކުރުމާއި, ރާބުއިމާއި ވައްކަން ކުރުމާ މިފަދަ ކަންތައްތައް ދޫކޮށްލާފައި ވަކި ބައެއްގެ ބޮލުގައި ވަކި ކަންތައްތަކެއް އަޅުވަނީ ކޮންކަމެއް ހާސިލުކުރަންތޯ ވެސް މޮސްޓާ ސުވާލު ކުރެއްވިއެވެ.

މޮސްޓާގެ ވާހަކައިގައި ވަނީ, މި ސަރުކާރުން މިސްކިތްތަކުން ބަންގީގެ އަޑު ކަނޑުވައިލަން މަސައްކަތް ކުރާކަން ވެސް ފާހަގަކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!