މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިންގ ޒޯނެއް ހަދާތީ ފާޑުކިޔުން އަމާޒުވެއްޖެ

މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިންގ ޒޯނެއް ތަރައްޤީކުުރުމަށް ނިންމާފައިވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މާދަމާ ފަށާ މިނީ ބަހުގެ ޚިދުމަތާ ގުޅިގެން ބޮޑެތި ބައެއް މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމުން ޕާކިން ޒޯނުތަކަށް ބިން ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން އެކަމަށް ހަމަޖައްސައިދިން ބިންތަކުގެތެރޭގައި މާފަންނު ސަހަރާ ހިމެނެއެވެ.
ޕާކިންގ ޒޯނެއް ތަރައްޤީކުުރުމަށް މާފަންނު ސަހަރާ ހުސްކުރުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލަށް ހުއްދަދީފައެވެ.
އެ ގޮތުން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ކުރެއްވި ޓުވީޓެއްގައިވަނީ އެކަމަށް އެ ނޫން އެހެން އެއްވެސް ގޮތެއް ނެތީތޯ ސުވާލު ކުރައްވައިފައެވެ. އަދި މަރުވެ ގޮސްފައިވާ މީހުންނަށް އަދި އެ މީހުންގެ ޢާއިލާތަކަށް އެއްވެސް ކަހަލަ އިޙުތިރާމެއް ކުރުމެއް ނެތް ދަރަޖައަށް ކަންކަން ދިޔައީ ކޮންއިރަކުތޯ ވެސް ސުވާލު ކުރެއްވިއެވެ.
މާލޭ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ އެތައް ދަހަރުވެފައި ހުރި ސަހަރާތައް އުވާލައި، ޤަބުރުތައް ކޮނެ ނަގައި، ހަމައެކަނި ފެހިކަމެއް ހުރި ހުސްކޮށިތައް ވެސް ޕާކިންގ ޒޯނަށް ހެދުން ބަލައެއް ނުގަނެވޭ ކަމަށެވެ.
''މާލޭ އަވަށު ޤަބުރުސްތާނުތަކަކީ މުހިންމު މައުނަވީ ތަރިކައެއް'' އޭނާ ވިދާޅުވިއެވެ.
ޕާކިންގ ޒޯނެއް ތަރައްޤީކުުރުމަށް މާފަންނު ސަހަރާ ހުސްކުރުމަށް އިސްލާމިކް މިނިސްޓްރީން ދިން ހުއްދައިގައި ބުނެފައިވަނީ ސަހަރާ ސާފުކުރަން ކޮންނައިރު ފެންނަ ގަބުރުތަކުގެ މިނިކަށިތައް ވަކިވަކިން ސާފުކޮށް ހުދު ފޮތިން ފަހާފައިވާ އުރައަކަށް އަޅަންޖެހޭނެ ކަމަށެވެ. އަދި ގަބުރު ފެންނަ ސަރަހައްދު ކޮންނަން ބޭނުންކުރާނީ އުދަލި ކަމަށާއި, އެކްސްކަވޭޓަރުފަދަ އާލާތްތައް ބޭނުން ނުކުރެވޭނެކަމަށް ހުއްދައިގައި ބުނެފައިވެއެވެ.






ކޮމެންޓް