Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ކޯޓު ރޫމަށް ފެން ފައިބާތީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ކޯޓު ރޫމަށް ފެން ފައިބާތީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މާލަމަށް ފެން ފައިބަމުންދާތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ވ.އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރީ މިއަދު 09:30 އަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީއާއި, މާލަމުގެ އެކި ހިސާބުތަކުން ފެން ފައިބަމުންދާތީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތުމުން އަޑުއެހުން ކެންސަލްކުރެވިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ 06 ވަނަ ދުވަހާއި 07 ވަނަ ދުވަހަށް ތާވަލުކޮށްފައިވާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަޙްމަދު ޝަކީލު ވަނީ މިދިޔަމަހުގެ 30 ގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން އަޑުއެހުން ކެންސަލްވީއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް