އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް ނެގުން މާދަމާ
ވ.އާރަށު މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތަކާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ދެ ހެކިންކަމަށްވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ހެކިބަސް ނަގަން ބާއްވާ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
އާރަށު މައްސަލައިގައި ދަޢުވާ ލިބޭ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ފެލިދޫ ދާއިރާގެ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
އާރަށު މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށަހަޅާަފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެ ގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހުގައި ޒިޔަތުގެ ހެކިބަސް ނަގަން ތާވަލްކުރިއެވެ.
ނަމަވެސް އެ ދުވަހުގެ އަޑުއެހުމުގައި, ނަޢީމްގެ ދިފާޢީ ވަކީލު ވަނީ އެކަމަށް އިޢުތިރާޒުކޮށްފައެވެ. އަދި ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ހަމަޖައްސައިދިނުމަށް ވެސް ވަކީލު އެ ދުވަހު އެދިވަޑައިގަތެވެ. ނަޢީމްގެ ދިފާޢީ ވަކީލު ދެއްކެވި ވާހަކަތަކަށް ރައީސް ޔާމިނުގެ ވަކީލުން ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
ޒިޔަތާއި އަދީބުގެ ހެކިބަސް އެއް ދުވަހެއްގައި ނަގާ ގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގަތް ސަބަބެއްކަމަށް ދިފާޢީ ވަކީލުން ވިދާޅުވީ އެ ދެ މީހުންގެ ހެކިބަސް ދެ ތާރީޚެއްގައި ނަގައިފިނަމަ އެއް ހެކިވެރިއެއްގެ ބަސްތައް ބަލައި އަނެއް ހެކިވެރިޔާގެ ބަސްތައް ވަކި ގޮތަކަށް ފަރުމާކުރުމުގެ ފުރުސަތު ލިބިގެންދާނެތީއެވެ. އެ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނަގަން ތާވަލުކުރިއެވެ.
ނަމަވެސް ގާޒީ ޗުއްޓީއަށް ވަޑައިގަތުމުން އެ އަޑުއެހުން ކެންސަލްވީއެވެ.
އެއަށްފަހު މިއަދަށް ތާވަލުކުރި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ. ސަބަބެއްކަމަށް ކްރިމިނަލް ކޯޓުން ބުނީ ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީއާއި, މާލަމުގެ އެކި ހިސާބުތަކުން ފެން ފައިބަމުންދާތީ އަޑުއެހުން ކުރިއަށް ގެންދެވެން ނެތީ ކަމަށެވެ.
އެ ގޮތުން އެ އަޑުއެހުން މާދަމާއަށް ތާވަލުކޮށް ބުދަ ދުވަހުގައި ވެސް އަޑުއެހުމެއް ބާއްވަން ވަނީ ތާވަލުކޮށްފައެވެ.