މާލެއަށް މީހުން ހިޖުރަކުރަނީ ރަށްރަށުގައި ފޫހިފިލުވުމާއި ކުރާނެ ކަމެއް ނެތުމުން: ރައީސް ނަޝީދު

އަތޮޅުތެރެއިން މާލެއަށް މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި މުނިފޫހިފިލުވުމާއި ކުރާނެ ކަމެއް ނެތުން ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ރަށްރަށާއި މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލް ކުރަމުން ގެންދާ ރޭޓާއި ބޭންޑު ކުރުންތަކުގައި ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި ހަމަ ހަމަ ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަން މެންބަރުންނަށް ފުރުސަތު ހުޅުވާލަމުން ދެއްކެވި ވާހަކަފުޅުގައެވެ.
ނަޝީދު ވިދުވީ ކުރިޔާ ހިލާފަށް ސަރުކާރުން ދަނީ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި އަތޮޅުތެރޭގައި އަސާސީ ހައްގުތަަ ފުރިހަމަކޮށްދެމުން ކަމަށެވެ. އެއީ އަތޮޅުތެރެއާ މާލޭގައި ހިދުމަތްތަކުގެ ފެންވަރު ހަމަހަމަ ކޮށްދީ ޒަމާނުންސުރެ އޮންނަ ތަފާތު ކުރުންތައް ނައްތާލުމަށެވެ
އެކަމަކު އަދިވެސް ހިޖުރަ ކުރާ މީހުންގެ އަދަދަށް އެއްވެސް ވަރެއްގެ ބަދަލެއް ނާންނަ ކަމަށެވެ. އެހެންވެ އެ ސަބަބު ދެނެގަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރަށްރަށުން މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުން ފާހަގަކުރެއްވޭ ކަމަށެވެ.
"ރަށްރަށުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ، މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި، އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާ ބޮޑަށް ޝައުޤުވެރިވާކަމާއި، ރޫރަލް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭބުރޭކަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.







ކޮމެންޓް