ވެހިކަލް ފީ ކައުންސިލަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން މަޢުލޫމާތު ފޮނުވަން ފަށައިފި
އަތޮޅުތެރޭގައި ދުއްވާ ވެހިކަލްތަކުން ނަގާ ފީ ރަށު ކައުންސިލުތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންވާ މަޢުލޫމާތުތައް, 107 ކައުންސިލަކުން އެއްކޮށްފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
އަފްޝަން މިހެން ވިދާޅުވީ ލ.ގަމުގައި މިއަދު ފެށި ވިއަވަތި ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.
''ކައުންސިލުތަކަށް ދުއްވާ ތަކެތީގެ ފީ ލިބޭނެ ގޮތް އަވަހަށް ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއްގެ ގޮތުގަ ކައުންސިލުތަކުން ފާހަގަކުރެއްވި.'' ފަނޯއްލަ ދަރުބާރުގައި ކައުންސިލުތަކުން ފާހަގަކުރައްވާފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.
އެ ކަން ކުރުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާ ގުޅޭ މަޢުލޫމާތު ވަނީ 107 ކައުންސިލަކުން އެއްކުރެވި, ފިނޭންސް މިނިސްޓްރީއާ ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާކުރެވިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޝަން ވިދާޅުވީ އެލްޖީއޭއިން ހިންގާ ޕްރޮގްރާމްތައް ފިސްކަލްކޮށް ހިންގުމަކީ ކައުންސިލުތަކުގެ ވަރަށް ބޮޑު އެދުމެއްކަމަށް ފަނޯއްލަ ދަރުބާރުގައި ފާހަގަކުރެއްވި ކަމަށެވެ.
''ފާއިތުވި އަހަރު ދަތުރުފަތުރު ކުރުމަށް ދަތިވުމާއެކު މުޅިއެކު 78 ޓްރެއިނިންގ ޕްރޮގްރާމް ހިންގިއިރު ގިނަ ޕްރޮގްރާމުތައް ހިންގިފަ ވަނީ އޮންލައިންކޮށް. ނަމަވެސް މިހާރު ވަނީ އަތޮޅުތަކަށް ދަތުރުކޮށް ތަމްރީނުތައް ހިންގަން ފަށާފަ. ފާއިތުވި ހަފުތާގަ އަޅުގަނޑު ހއ.ދިއްދުއަށް ދަތުރު ކުރިން. ދިއްދޫގަ ހއ.އަތޮޅު ކައުންސިލާ އެލްޖީއޭއާ ގުޅިގެން ވާނީ މާލީ ބަޔާން ތައްޔާރުކުރުމާއި, ބަޖެޓިންގ އާއި, ޕްރޮކިއުމަންޓާ މި ނޫން ވެސް މާލީ ކަންކަމާ ގުޅޭ ހަތް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް މި އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލު އިދާރާގެ އެ މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ހިންގާފަ.''
މީގެ އިތުރުން ހދ. އަތޮޅުގައި މިހާރު ވެސް އެލްޖީއޭގެ ޓީމެއް ޕްރޮގްރާމް ހިންގަމުންދާާކަމަށް އަފްޝަން ވިދާޅުވިއެވެ.