މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅޭނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން: ސަޢީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކަނޑައެޅުމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމެއްކަމަށްވާތީ, އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ސަޢީދު އެހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ބޭއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ސަޢީދު ވިދާޅުވީ މަޖިލިސް އެކުލެވޭ ގޮތް ކަނޑައެޅުމަކީ މެންބަރުންނަށް އޮތް ބާރެއް ނޫން ކަމަށެވެ. ސަޢީދު ވިދާޅުވީ ރައްޔިތުންނާ ގުޅުން ހުރި ކަމެއް ނިންމާާނަމަ ރައްޔިތުންގެ ޚިޔާލު ހޯދަން ޢާންމު ވޯޓެއް ނަގަންޖެހޭކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
''މެންބަރުންގެ ފޯމޭޝަނަށް ބަދަލު ގެންނަނީ ފުރަތަމައިނުން ކީއްވެގެންތޯ އެއީ ސުވާލަކީ. ބަދަލު ގެންނަކަމަށްވަންޏާ މިތާ ތިބި މަޖިލިސް މެންބަރުންގެ ޙައްޤެއް ނޫނޭ އެއީ ޢިއްޒަތްތެރި ރައީސް, މި މަޖިލީހުގެ ކަންކަން އޮންނާނެ ގޮތުގެ އާޚިރު ގޮތް ނިންމުމަކީ.'' ސަޢީދު ވިދާޅުވިއެވެ.
ސަޢީދު މިހެން ވިދާޅުވެފައިވާއިރު, އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދު ވެސް ޤާސިމްގެ އިސްލާހަކަށް ނުލިބުނެވެ. މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް އެދިވަޑައިގަތީ ޕާޓީތަކުގެ މަޝްވަރާ ހޯއްދަވަން އިސްލާހު އަނބުރާ ގެންދެވުމަށެވެ.