ޝައިޚް ފަޟްލޫން ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޟްލޫން މުޙައްމަދު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ޢަމުރުގެ އިސްތިއުނާފު ބަލައިގަންނަން ހައިކޯޓުން ނިންމައިފިއެވެ.
ޝައިޚް ފަޟްލޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ޢަމުރު ބާޠިލުކުރުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި, ހޯމް މިނިސްޓަރު އިމްރާނުގެ ޢަމުރަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމި ނިންމުން މުރާޖަޢާކޮށް ހައިކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
ކޯޓުން ޝައިޚް ފަޟްލޫން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ގޮތުން މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެހާއި ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށް ވަނީ އަންގާފައެވެ. ޝައިޚް ދޫކޮށްލި ފަހުން ދެތިން ފަހަރެއްގެ މަތިން ފުލުހަށް ވެސް ހާޒިރުކޮށްފިއެވެ.