ޚަބަރު ސަރުކާރު

ދިވެހިން ރާނީ އެލިޒަބަތާ މުޚާތަބުކޮށް "ރާނީ" އެކަނި ކިޔަނީ ދީފައިވާ މަތިވެރި ޤަދަރަކުން: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތާ މުޚާތަބުކޮށް "ރާނީ" އެކަނި ކިޔަނީ އެ ކަމަނާއަށް ދީފައިވާ މަތިވެރި ޤަދަރަކުން ކަމަށް އެ ކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލިޔުއްވައިފިއެވެ.

Ads by Hajj Corporation

މިދިޔަ ބުރާަސްފަތި ދުވަހު އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ހަނދާނުގައި, ރާއްޖޭގައި ހުންނަ ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސް ޞާލިޙާއި, އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ މިއަދު ވަނީ ސޮއިކުރައްވައިފައެވެ.

އިނގިރޭސި ވިލާތުގެ ރާނީކަމުގައި 70 އަހަރަށްވުރެ ގިނަދުވަ އިންނެވުމަށްފަހު, ރާނީ އެލިޒަބަތު އަވަހާރަވީ ޢުމުރުފުޅުން 96 އަހަރުގައެވެ.

ބްރިޓިޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައި ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި, ރާނީ އެލިޒަބަތުގެ ރަނިކަން ސިފަކުރައްވާފައިވަނީ ވާޖިބު އަދާކުރެއްވުމަށް ތެދުވެރި, ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ލާމަސީލު މިސާލެއްްގެ ގޮތުގައެވެ.

އޭގެއިތުރުން އިނގިރޭސި ވިލާތާއި, ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެލިޒަބަތު ކުރެއްވި ޚިދުމަތްތައް ކުރައްވާފައިވަނީ ނުހަނު ސާބިތުކަމާއެކު ކަމުގައިވެސް ރައީސްގެ ދެކަނބަލުން ލިޔުއްވި ބަޔާނުގައި ވެއެވެ. އަދި މީގެ 50 އަހަރު ކުރިން ރާނީ އެލިޒަބަތު ރާއްޖެއަށް ކުރެއްވި ޒިޔާރަތް އަދިވެސް ދިވެހިން ހަނދާން ކުރަނީ ހިތުގެ ލޯތްބާއި އިޙްތިރާމާއެކު ކަމަށާއި, ރާއްޖޭގެ ރައްޔިތުން ރާނީ އެލިޒަބަތާ މުޚާތަބުކޮށް "ރާނީ" އެކަނި ކިޔަނީ އެ ކަމަނާއަށް ދީފައިވާ މަތިވެރި ޤަދަރަކުން ކަމުގައި ވެސް ލިޔުއްވާފައި ވެއެވެ.

ހަމައެހެންމެ ރާނީ އެލިޒަބަތަކީ ކޮމަންވެލްތް މެދުވެރިކޮށް ރާއްޖެ ފަދަ ކުދި ޤައުމުތައް ބޭރު ދުނިޔޭގައި ހަމަހަމަކަމާއެކީ ބަސްބުނެ ފައިތިލަ ސާބިތުކުރުމަށް ފުރުސަތު ދެއްވި ބޭކަނބަލެއްކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ޝާހީ ޢާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށާއި ކޮމަންވެލްތުގެ މެމްބަރުންނަށް ރައީސް ތަޢުޒިޔާ ވެސް ފޮނުއްވިއެވެ.

ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވާ ރާނީ އެލިޒަބަތު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ވަނީ ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރައްވައިފައެވެ.

ރައީސް ވަނީ މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ވެސް ނިންމަވައިފައެވެ.

Ads by Ooredoo
  1. ރުއިން

    ތިއިތީވާ ރާނީއެއް! މިހާރު ކޮންތާކަށްތޯ އެދިޔައީ؟؟؟؟

  2. ނާޅި

    އަޅުންގެ ގޮތުގައި އުޅެން ބޭނުންވަނީތޯ ؟ ރާނީ އެއްނަމަ ޤައުމުތަކުން އިގިރޭސިން ލޫޓުވި ތަކެތި އެޤައުމުތަކަށް ރައްދުކޮށް ދިނީސް ނުންތޯ ؟ 70 އަހަރުވަންދެކަ ވެރިކަންކުރީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ޒަޔަނިސްޓުން އާބާދު ކުރުމުގައި އދ ގެ ވީޓޯ ކުރުމުގެ ބާރު އިގިރޭސި ރާނީއަށް އޮވެމެ ފަލަސްތީންގެ ކުޑަކުދިން ނާއި އަންހެނުން މުސްކުޅިން ޝަހީދު ވިއިރު ރާނީގެ އެއްވެސް ރަގަޅުކަމެއް ފެނިގެން ދިޔަތޯ ؟