ޓައިވާންގެ ދިފާއުގައި އެމެރިކާއިން ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ
ޗައިނާ އިން ތައިވާނާ ދެކޮޅަށް އުދުވާނީ ހަމަލާއެއް ދީ އެ ގައުމަށް އަރައިގެންފާނެ ކަމުގެ ބިރު އުފެދިފައިވާތީ، އެކަމަށް ހުރަސް އެޅުމުގެ ގޮތުން، ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ އިން ވިސްނަން ފަށައިފި އެވެ.
ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން ޗައިނާ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ މެދު ވިސްނަން މިފެށީ، ތައިވާނުން އެކަމަށް އެދި ޑިޕްލޮމެޓިކް ގޮތުން އެމެރިކާ އަށާއި ވިލާތުގެ އިއްތިހާދަށް ބާރު އަޅަމުންދާ ދުވަސްވަރެއްގަ އެވެ. އެހެން ނަމަވެސް އެކަން އަދި އޮތީ ވަރަށް ޅަފަތުގެ މަރުހަލާއެއްގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޗައިނާ އަށް އިގްތިސާދީ ގޮތުން ދަތިކުރުމަށް އެމެރިކާ އިން މިހާރު ވެސް ފިޔަވަޅުތަކެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން، ތައިވާން މައްސަލައިގައި ޗައިނާ އަށް ދަތިކުރާ ނަމަ، އިތުރު ފިޔަވަޅުތަކެއް އަޅާނެ އެވެ. އިތުރަށް އަޅާނެ ފިޔަވަޅުތަކެއް ކަމަށް ބެލެވެނީ، ޗައިނާއާ އެކުގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހަނިކުރުމާއި، ޓެކްނޮލޮޖީގެ ބައެއް ދާއިރާތަކުން ޗައިނާއާ އެކުގައި އިންވެސްޓްމެންޓްތައް ގާއިމުކުރުން މަނާ ކުރުމެވެ.
އެފަދަ ދާއިރާތަކުގެ ތެރޭގައި ކޮމްޕިއުޓާ ޗިޕް އުފެއްދުމުގެ ސިނާއަތާއި ޓެލެކޮމް ދާއިރާގެ ސާމާނު އުފެއްދުމުގެ ސިނާއަތު ހިމެނެ އެވެ. ނަމަވެސް، މި ފިޔަވަޅުތައް ޗައިނާއާ ދެކޮޅަށް އަޅާނީ ކޮން ދުވަހަކުން ކަމެއް އަދި އެ ފިޔަވަޅުތަކުގެ ތަފްސީލެއް ވެސް އެމެރިކާ އިން ހާމައެއް ނުކުރެ އެވެ.
ޗައިނާއަކީ މިވަގުތު ވެސް ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދަށް ވާއިރު، ޗައިނާ އަށް ދަތިކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އަސަރު މުޅި ދުނިޔެއަށް ފެތުރިގެން ދާނެ އެވެ.
ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ އެ ގައުމުގެ އެއް ބައެވެ. އެހެންކަމުން ތައިވާނަކީ އަމިއްލަ މިނިވަންކަމެއް ލިބިފައިވާ ވަކި ގައުމެއްގެ ގޮތުގައި ހެދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ އެވެ. އަދި ތައިވާނުން މިނިވަންކަން އިއުލާންކޮށްފި ނަމަ، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވިޔަސް، އެކަން ހުއްޓުވާނެ ކަމަށް ތައިވާނުން ބުނެ އެވެ.
ގާތްގަނޑަކަށް 24 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ތައިވާނަކީ، ޗައިނާގެ އިރުދެކުނު އައްސޭރިފަށުން ފެށިގެން 130 މޭލު ދުރުގައި ވަކިން އޮންނަ ޖަޒީރާއެކެވެ. ތައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޗައިނާގެ ކޮމިޔުނިސްޓް ސިފައިންނާއި، ވަތަނީ ފިކުރުގެ ހަނގުރާމަވެރިންނާ ދެމެދު، މީގެ 72 އަހަރު ކުރިން ހިނގި ދާހިލީ ހަނގުރާމައަށް ފަހު، އިދާރީ ގޮތުން ތައިވާން ހިންގަމުން އަންނަނީ ޗައިނާއާ މުޅިން ވަކިންނެވެ.
މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.