ބޯގަންވިލާ ކުރިމަތީގައި ހުންނަ މިސްކިތް ހިމެނޭހެން އަޑު މަޑުކުރަން އެންގީ ފަސް މިސްކިތަކަށް
ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އެންގީ ފަސް މިސްކިތަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް އަޑުނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށް ބައެއް އިމާމުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރުމުން މިނިސްޓްރީން ދާދިފަހުން ވަނީ ބަޔާނެއް ނެރެފައެވެ.
”މިސްކިތުގައި ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން މި މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ވާހަކަ ދަންނަވަމެވެ. އަދި މިސްކިތްތަކުގެ ނަމާދުކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހެދުމަކީ މިނިސްޓްރީގެ އެއްވެސް އިރެއްގެ ވިސްނުމެއް ނޫނެވެ. ކުރީއްސުރެ އަމަލުކުރަމުން އަންނަ އުސޫލުން މިހާރު ވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދުކުރާ އަޑު ބޭރަށް އިވޭ ގޮތަށެވެ.“ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އަޑު ބާރުކަމަށް ބުނެ ލިބުނު ޝަކުވާތަކާ ގުޅިގެން ބެލި ބެލުމުން މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތްކަމަށް ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އަންގާފައިވާނެ ކަމަށެވެ.
''މި'' ނޫހަށް ދިން މަޢުލޫމާތުގައި އިސްލާމިކް މިނިސްޓްރީން ބުނީ ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑުކުރަން އެންގީ މާލޭގެ ފަސް މިސްކިތަކަށް ކަމަށެވެ.
އެ ފަސް މިސްކިތަކީ މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް) އާއި, މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް (ދުނބުރި މިސްކިތް) އާއި, މަސްޖިދު ޔޫސުުުފުލްބަރުބަރީއާއި, ބިހުރޯޒު ކަމަނާ މިސްކިތާއި, މަސްޖިދު ޖަލާލުއްދީނު ކަމަށެވެ. ބިހުރޯޒު ކަމަނާ މިސްކިތް ހުންނަނީ މިނިސްޓަރު ފައްޔާޟް އިސްމާޢީލް އަދި އިބްރާހިމް އިސްމާޢީލް (އިބްރާ) ގެ ގެކަމަށްވާ މއ.ބޯގަންވިލާ ކުރިމަތީގައެވެ.
ކޮރު އިބިލީހަށް އުނދަގޫވާނެ ބަންގީގެ އަޑާ ނަމާދުގެ އަޑުއިވެންޏާ.