ޚަބަރު އިޖުތިމާޢީ

ގުރައިދޫ މިސްކިތަށް މުދިމަކު ހަމަޖެހުމުން ރަށު ރައީސްގެ ޝުކުރު ނޫސްވެރިންނަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު

ކ.ގުރައިދޫ މަސްޖިދުލްއިޚާއަށް ދާއިމީ މުދިމަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އިސްލާމިކް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.

Ads by MWSC

ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު ރިޓަޔާކުރެއްވީ 12 މާރިޗު 2021 ގައެވެ. އޭގެފަހުން މިދިޔަ ދޮޅު އަހަރަށްވުރެ ގިނަ ދުވަހު އެ މިސްކިތަށް ދާއިމީ މުދިމަކު ހަމަޖެހިފައެެއް ނުވެއެވެ.

އެ ގޮތުން ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު އެތައް ފަހަރެއްގެ މަތިން އިސްލާމިކް މިނިސްޓްރީއަށް ގުޅުއްވައި, ސިޓީ ފޮނުއްވައި އެކަން ހަމަޖައްސަައިދެއްވުމަށް އެދިވަޑައިގަތެވެ.

ނަމަވެސް މިނިސްޓްރީއަށް ''ހޭވެރިކަންވީ'' ކައުންސިލުގެ ރައީސް ޔާމީން މީސްމީޑިއާގައި އެކި ފަހަރުމަތިން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުން ނޫސްވެރިން އެކަން ރިޕޯޓުކުރި ހިސާބުންނެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރަން ފެށުމުން އިސްލާމިކް މިނިސްޓްރީން ބުނީ ގުރައިދޫ މިސްކިތުގެ މުދިމުގެ ވަޒީފާއަށް އިއުލާނުކޮށް, އިންޓަވިއު ކުރި މީހުންގެ ތެރެއިން ދެ މީހަކު ސީއެސްސީއަށް މައްސަލަ ހުށަހަޅާފައިވާތީ އެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަ ބެލުމަށްޓަކައި އެ މަޤާމަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވީ ކަމަށެވެ. އަދި އެ މައްސަލައިގައި ސީއެސްސީން ނިންމެވި ގޮތް މިނިސްޓްރީއަށް އަންގަވާފައިނުވާ ކަމަށާއި, އެކަމާ ގުޅިގެން މި އަހަރު ތެރޭގައި ސީއެސްސީއަށް އެކި ގޮތްގޮތުން މުއާމަލާތްކޮށް ސިޓީ ފޮނުވިކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އެކަމާބެހޭ މަޢުލޫމާތުތައް ގުރައިދޫ ކައުންސިލާ ވެސް ހިއްސާކޮށް މަޢުލޫމާތު ބަދަލުކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ޔާމީން ވަނީ އިސްލާމިކް މިނިސްޓްރީގެ ވާހަކަތައް ދޮގުކުރައްވައިފައެވެ. ''މަ ހީކުރީ އިސްލާމިކް މިނިސްޓްރީން ދޮގުނުހަދާނެ ކަމަށް'' ކަމަށާއި, ''އެކަމަކު އެ ވެރިން ވެސް ސަލާމަތްވާން މި އޮތީ ދޮގެއް ހަދާފައި'' ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރައިދޫ މަސްޖިދުލްއިޚާއަށް ދާއިމީ މުދިމަކު ހަމަޖެއްސުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސީއެސްސީން އިސްލާމިކް މިނިސްޓްރީއަށް މިއަދު އަންގައިފި ކަމަށެވެ. އެ ގޮތުން ޔާމީން ވަނީ މިކަމުގައި ނޫސްވެރިން ކުރި މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

''މުދިމު ހަމަޖެއްސުމުގެ ކަންކަމުގައި އެހީިތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ! ވަކިން ހާއްސަކޮށް ނޫސްވެރިން.'' ދެން އޮންލައިން ހިމެނޭހެން ބައެއް ނޫސްތަކަށް ޓެގްކުރައްވައި ޔާމީން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!