އިންޓަނެޓު އަގުހެޔޮ ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއް: ރައީސް

އިންޓަނެޓު އަގުހެޔޮ ކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ބަހްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއި އިއްޔެ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްގެ ވާހަކަފުޅުގައި ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި, ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވައިފައެވެ. އަދި ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެމުން ދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ، އިންޓަނެޓު އަގުހެޔޮ ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވައި, އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި ބަޓެލްކޯއިން ވާ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.
މިބައްދަލުވުމަށްފަހުގައި ރައީސް ޞާލިޙާއި, ބަހުރައިންގެ ފޮރިން މިނިސްޓަރު ޢަބުދުއްލަޠީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯއާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ދިރާގާއި، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން ސައިބަރ ސެކިއުރިޓީގެ މުހިންމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެއެވެ.