އެމަނިކުފާނަށް ވެސް ކުށް ކުރެވިފައި ހުންނާނެ ކަމަށް އިއްޔެގެ ޖަލްސާއެއްގައި ބުނެވުނީ އޮޅުމަކުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރޭ ހއ. ކެލާގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ވެސް އަދި ޕާޓީގެ ލީޑަރަކަށް ހުންނަވާއިރު ވެސް ހިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ ވެސް އިންސާނެއް ކަމުން ކުށް ކުރެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑުވެސް ކުށް ކުރާނެ. ކުށް ކުރެވިފައި ހުންނާނެ. އަދިވެސް ކުށް ކުރެވޭނެ” ރޭ ކެލާގައި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
އެވާހަކަތަކާ ގުޅިގެން މިއަދު ހަވީރު ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކުށް ކުރެވިފައި ހުންނާނެ ކަމަށް ދެންނެވުމުން މީޑިއާގެ ފަލަ ސުރުހީތަކުން އެ ވާހަކަ ޖާގަ ހޯދާފައިވާ ކަމަށެވެ. އަދި “ކުރިން ބުނި އެތި ކެންސަލް”ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އަޅިގަނޑަށް ކުށެއް ކުރެވިފަ ހުރެދާނެއޭ ބުނެވުނު. އެ ބުނި އެތި ކެންސަލް. އެ ބުނި ވާހަކަ ކެންސަލް. އަޅުގަނޑު މީކީ ކުށެއް ކޮށްފަ ހުރި މީހެއް ނޫން” ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރޭ ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ވެރިކަމުގައި އެކި ފަރާތްތަކުގެ މަޝްވަރާއާއެކު ކުރެވިފައި ހުރި ކަންކަމުގެ ތެރޭގައި އެންމެ ފުރިހަމަ އަށް ނޫން ގޮތަކަށް ކުރެވިފައި ހުރި ކަންކަން ހުރެދާނެތީ އެ މާނައިގައި ކަމަށެވެ.