ގެސްޓު ހައުސްއަކަށް ވަދެ ހަމަލާދިނުން: ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދު

މި މަހުގެ 17 ވަނަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި މާލޭގެ ގެސްޓު ހައުސްއަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ޢަމުރުކޮށްފިއެވެ.
ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓުހައުސްއަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ހައްޔަރުކުރީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިން 05 ދުވަސް ހަމަވުމުން ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރިއެވެ.
އެ ގޮތުން ގާޒީ ޢަމުރުކުރެއްވީ ތަޙްޤީޤީ މަރުހަލާއާއި ޝަރީޢަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުކުރާށެވެ. ކޯޓު ޢަމުރުގައި ބުނެފައިވާ ގޮތުން އޭނާއަކީ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި މީހެކެވެ.