ޗާގޯސް މައްސަލައިގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ: ޝަރީފް
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލައާ ގުޅިގެން ރާއްޖޭން މިހާރު އަމަލުކުރަން ނިންމާފައިވާ ގޮތުގެ ސަބަބުން ރާއްޖެ އަށް އިޔާދަނުކުރޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެ އަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށާއި ސަރުކާރުން އެކަމަށް ފުރިހަމަ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
”މި މައްސަލަ މަޖިލީހަށް ވައްދާނަން. މައްސަލަ ބޭރުނުކުރުމަށް އެމްޑީޕީ ހުރިހާ މެމްބަރުންނަށް ދާއިރާތަކުގެ ރައްޔިތުން އިލްތިމާސް ކުރުން މުހިއްމު” ޝަރީފް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭޖީ އޮފީހުން ވިދާޅުވީ ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެއްކަމަށެވެ. އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމަށާއި، މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑަށް ނުވަތަ ވިސްނުން ބަދަލު ނުވާކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖެއިން ހުރީ އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫންކަމަށާއި، ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫއީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.