ޚަބަރު ޝަރުޢީ ދާއިރާ

މެންބަރު ޔަޢުޤޫބުގެ ފަހަރިއަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މެޖިސްޓްރޭޓް އިސްތިއުފާދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by Hajj Corporation

ޖޭއެސްސީން މިއަދު ބުނީ މެޖިސްޓްރޭޓް ލުއައްޔު އިއްޔެ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް ލުއައްޔު އިސްތިއުފާ ދެއްވާފައި މިވަނީ, އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި 22 މައްސަލައެއްގެ ތެރެއިން ދެ މައްސަލަ ސާބިތުވާކަމަށް ނިންމައި, ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެ.

ޖޭއެސްސީން އިއްޔެ ބުނީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ މައްސަލައާއި, ކޯޓުގެ ރަސްމީ ގަޑީގައި އޭނާ ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.

މެޖިސްޓްރޭޓް ލުއައްޔުއާ ގުޅޭގޮތުން ޖިންސީ ގޯނާގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބުގެ އެއްބަނޑު އެއްބަފާ ބޭބެގެ އަންހެނުން އެ ރަށު އެވަރލާސްޓް, ސުޢޫދާ ޢުމަރެވެ. 2019 ޖޫން 23 ގައި އޭނާ ހުށަހެޅި މައްސަލައިގައި ތަޙްޤީޤަށް ދިން ބަޔާނުގައި ބުނެފައިވަނީ 2005 ވަނަ އަހަރުގެ ދުވަހެއްގައި މެޖިސްޓްރޭޓް ލުއައްޔުއާ އެއްކޮށް އޭނާ އެއްޗެއް ނަގަން ކޯޓަށް ދިޔަ ކަމަށާއި, އެ އެއްޗެހި ހިފައިގެން ކޯޓުން ނުކުންނަން އުޅުނު ވަގުތު ލުއައްޔު އޭނާއާ ބެހެން މަަސައްކަތްކޮށް އުރަމަތީގައި ހިފާފައިވާ ކަމަށެވެ. އަދި އެ ވަގުތު ވަރަށް ބާރަށް ރުއިން ކަމަށާއި, ސަލާމަތްވާން އުޅުމުގެ ތެރޭގައި ދޮރުފަތުގައި އޭނާގެ ބަނޑު ޖެހުމުން ބަނޑުގައިވާ ދެ މަހުގެ ދަރިފުޅު އޭގެ ދެ ދުވަސްފަހުން ބައިގެންދިޔަ ކަމަށެވެ.

''....މި މައްސަލައާ ގުޅިގެން 2005 ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަސް ހިސާބުގައި ސުޢޫދާ ޢުމަރު މާލެއަށް ޖަސްޓިސް މިނިސްޓްރީއަށް ގެންގޮސްގެން ބަޔާން ނަގާފައިވާ ކަމަށާއި ނަމަވެސް އެ ބަޔާން ނެގީ ކޮން ބައެއްކަން މިހާރަކު ނޭނގޭ ކަމަށާއި އޭރު އެ މައްސަލަ ބެލީ ސުޢޫދާ ސިޓީއެއް ފޮނުވައިގެންކަމަށް ބުނެފައިވެއެވެ.'' 23 ޖުލައި 2020 ގައި ސުޢޫދާ ދީފައިވާ ބަޔާނުގައިވެއެވެ.

މި މައްސަލަ އެއްވެސް އިރެއްގައި ފުލުހުންނަށް ހުށަހަޅާފައިވޭތޯ ޖޭއެސްސީން ބެލި ބެލުމުން އެނގުނީ އެފަދަ މައްސަލައެއް އެއްވެސް އިރެއްގައި ހުށަހަޅާފައިނުވާކަމެވެ. އަދި މި މައްސަލަ މިނިސްޓްރީ އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވޭތޯއާއި, މި މައްސަލައާގުޅޭ މުޢާމަލާތްތަކެއް ދާންދޫ ކޯޓާއި, މިނިސްޓްރީ އޮފް ޖަސްޓިސްއާ ދެމެދުގައި ކޮށްފައިވޭތޯ ބެލުމުން އެނގުނީ މިފަދަ މައްސަލައެއް ޖަސްޓިސްއަށް ހުށަހެޅިކަމުގެ އެއްވެސް ލިޔުމެއް އާކައިވްގައިނުވާ ކަމަށެވެ. ނަމަވެސް ޖަސްޓިސްގެ ބޭނުމަކަށް ސުޢޫދާ މާލެ ފޮނުވައިދިނުމަށް އެދި އެ މިނިސްޓްރީން ދާންދޫ ކޯޓަށް މެސެޖެއް ފޮނުވާފައިވާކަމާއި, ނަމަވެސް ހާޒިރުކުރާ ބޭނުން އެއިން އެނގޭކަށް ނެތްކަމެވެ.

މި މައްސަލައިގައި ސުޢޫދާ ކުރާ ތުހުމަތު ލުއައްޔު ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެއީ އޭނާގެ ކުރިމަގު ބަނަކުރުމަށް ދެއްކި ވާހަކަތަކެއް ކަމަށާއި, ޢަބުރަށް ހުތުރުވާފަދަ ވާހަކަދައްކަމުންދާތީ ޕޮލިސް އުފެދުނު ދުވަސްކޮޅު ޕޮލިހަށް ވެސް އަދި އަތޮޅު އޮފީހަށް ވެސް މައްސަލަ ހުށަހެޅުއްވި ކަމަށެވެ. އަދި އެ ތަންތަނުން އެ މައްސަލަ ބަލަމުންދަނީކަން ފިޔަވައި އިތުރު ޖަވާބެއް ނުލިބޭ ކަމަށާއި މައްސަލައިގެ ލިޔެކިޔުމެއް އޭނާ އަތުގައި ނުހުންނާނެ ކަމަށެވެ.

''ލުއައްޔު އިބްރާހިމްގެ ޢަބުރަށް ހުތުރުވާ ގޮތަށް ވާހަކަ ދައްކާތީ ޖަސްޓިސް މިނިސްޓްރީއަށް ލުއައްޔު އިބްރާހިމް ވެސް މައްސަލަ ހުށަހެޅުމުން އެ ތަނުން ބޭފުޅުން ވަޑައިގެން އެ މައްސަލަ ބެއްލެވި ކަމަށާއި އެ މައްސަލަ ބެލުމަށްފަހު އެކަމުގައި ލުއައްޔުގެ މައްސަލައެއް ނެތްކަމަށް ނިންމަވާފައިވާ ކަމަށާއި ނަމަވެސް މައްސަލައިގެ އެއްވެސް ލިޔުމެއް ލުއައްޔު އިބްރާހިމްގެ އަތުގައި ނުުހުންނާނެކަމަށް ބުނެފައިވެއެވެ.''

ޖޭއެސްސީން މިއަދު ބުނި ގޮތުގައި ލުއައްޔުއާގުޅޭ އިތުރު ޝަކުވާ އެ ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި އަންނަނީ ތަޙްޤީޤު ކުރަމުންނެވެ. އެއީ ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވާ ހުށަހަޅާފައިވާ މައްސަލައެކެވެ.

  1. ނާޅި

    ފަޑިޔާރުން ބަދުނާމުކޮށް ބޮލުގައި އެކި އިލްޒާމް އަޅުވާ ބިރުދައްކާ ވަޒީފާއިން ވަކިވާން މަޖުބޫރު ކުރުވަނީ، ބަލަ ފަޑިޔާރުން ނަކީވެސް ދިވެހި މައިންނާއި ބަފައިން ބުރަ މަސައްކަތުން ތައުލީމާއި ތަރުބިއްޔަތުދީ ބަލާބޮޑުކޮށްފަ ވަޒީފާޔަށް ނެރެފައިވާ ބަޔެއް މައިން ބަފައިންނާއި ޤައުމަށް ހިދުމަށްކުރަން، ސާބިތު ނުހިފޭ ވާހަކަ ފެންމަތިކޮށްގެން ފަޑިޔާރުގޭގެ އަބުރު ނަގާލަން ޖޭއެސްސީ ކުރާކަމެއްމީ !