ޚަބަރު ޝަރުޢީ ދާއިރާ

ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ފިޔަވަޅު އަޅުއްވަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

Ads by MWSC

ޖޭއެސްސީން މިއަދު ވިދާޅުވީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ޤަޟިއްޔާއެއްގައި ދަޢުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ ޢަމުރެއްގެ ދަށުން، ދަޢުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދަޢުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ. އަދި ދަޢުވާ ކުރާ ފަރާތުން ދަޢުވާ ކުރި ބޭނުން ހާސިލުވެފައި ވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ދަޢުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ބުނެ، ދަޢުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެ މެޖިސްޓްރޭޓް އަޙްމަދު ޙަސަންމަނިކު އެ ޤަޟިއްޔާ ނިންމައި ޙުކުމްކުރައްވާފައިވާ ކަމަށެވެ.

ޖޭއެސްސީން ވިދާޅުވި ގޮތުގައި މެޖިސްޓްރޭޓް އަޙްމަދު ޙަސަންމަނިކު އެ ޤަޟިއްޔާ ނިންމައި ޙުކުމްކުރައްވާފައިވަނީ ހަވާލާދެވުނު ވަގުތީ އަމުރު ހައިކޯޓުން ބާތިލްކޮށްފައިވާއިރު އެކަމަށް ވެސް ރިއާޔަތްކުރުމެއް ނެތިއެވެ.

އަދި އެ ގޮތަށް ޙުކުމް ކުރެއްވުމުގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދަޢުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކު ކުރައްވާފައިވާ ޢަމަލެއްކަމަށްވާތީ އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަކަމަށް ނިންމަވާފައިވާ ކަމަށް ވެސް ޖޭއެސްސީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!