ޚަބަރު ދުނިޔެ ޔޫރަޕް

ތުރުކިޔެގައި ބޮން ގޮއްވައިލީ ސިރިއާގެ ރައްޔިތެއްކަމުގައި އެ ޤައުމުން ބުނެފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

މިދިޔަ އާދީއްތަ ދުވަހު ތުރުކިޔެގެ ވެރިރަށް އިސްތާންބުލްގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އަންހެނަކީ ސިރިއާގެ ރައްޔިތެއްކަމަށް ތުރުކިޔެއިން ބުނެފިއެވެ.

Ads by STELCO
Ads by Sosun Fihaara

އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން  ވިދާޅުވާގޮތުގައި މި އަންހެނާއަކީ ކާޑިޝް ހަނގުރާމަވެރިންގެ ކިބައިން ތަމުރީނުވެފައިވާ މީހެކެވެ.

ތުރުކިޔެގެ ފުލުހުން ނެރެފައިވާ ނޫސް ބަޔާނުގައި ވާގޮތުން މި އަންހެނާ ވަނީ ޤާނޫނާ ޚިލާފަށް ތުރުކިޔެއަށް އެތެރެވުމަށްފަހު 6 މީހުން މަރުވި އަދި 80 އަށްވުރެ ގިނަ މީހުން ޒަޚަމްވި މި ހަމަލާ ދީފައެވެ.

މި ހަމަލާގެ ތަޙުޤީގުގެ ތެރެއިން ފުލުހުން ވަނީ 1،200 ސެކިއުރިޓީ ކެމެރާއެއްގެ ވީޑިއޯ ބަލައި މި އަންހެންމީހާ އެ ޤައުމުގައި އުޅުނު ހިސާބުތައް ބަލާފައެވެ. އެގޮތުން އޭނާ ބޮން ގޮއްވި ހިސާބުގައި ބޮން ހަރުކުރުމަށް ފަހު ޓެކްސީއަކަށް އަރައިގެން އެތަނުން ފިލާފައިވާކަމަށް ބެލެވެއެވެ.

ތުރުކިޔެގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވަނީ މި ހަމަލާއަކީ ކާޑިޝް ވާކާސް ޕާޓީ (ޕީކޭކޭ) އާއި ޑިމޮކްރެޓިކް ޔޫނިއަން ޕާޓީ ގުޅިގެން ދީފައިވާ ހަމަލާއެއްކަމުގައި ޤަބޫލުކުރެވޭކަމަށެވެ. ނަމަވެސް ޕީކޭކޭއިން ވަނީ މިކަން ދޮގުކޮށްފައެވެ.

އަދި ހައްޔަރުކޮށްފައިވާ އަންހެނާ ތަހުޤީޤުގައި ބުނެފައިވަނީ އޭނައަކީ ޕީކޭކޭއިން ޖާސޫސް ކުރާ އޮފަސަރެއްގެ ގޮތުގައި ތަމުރީނުކޮށްފައިވާ މީހެއްކަމުގައެވެ.

"އަޅުގަނޑުމެންގެ ތަޙުޤީޤުގެ މިހާތަނަށް އެނގިފައިވާ މައުލޫމާތުން ދޭހަވަނީ މިހަމަލާއަކީ ޕީކޭކޭއިން ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް" ތުރުކިޔެގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މި ވާހަކަ ދޮގުކޮށް އެވޖަމާއަތުން ވަނީ ބަޔާނެއްވެސް މިހާރު ނެރިފައެވެ.

"މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާކިޔަން. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން. މި ހަމަލާއާ އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއް ނެތް" ޕީކޭގެ ބަޔާނުގައި އެމީހުން ބުނެފައިވެއެވެ.

ޕީކޭކޭއަކީ ވޭތުވެދިޔަ 40 އަހަރުގައި ވެސް ތުރުކިޔެގައި ހަމަލާތައް ދެމުންދާ އިދިކޮޅު ޓެރަރިސްޓު ޖަމާއަތެކެވެ. އެމީހުން ބޭނުންވަނީ ތުރުކިޔެއާ ވަކިވެ އަމިއްލަ ސަރުކާރެއް އުފައްދާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!