ޚަބަރު ސިޔާސީ

މިއީ ހަތަރެސްކަން ހަމަވެ، ހަތަރު އުދަރެސް ފެނުޖެހި، ކޮންމެ ގޮތެއްވެސް ވަރިހަމަ ސަރުކާރެއް: ޝިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް--

ހުކުރު ދުވަހުގެ ހުކުރު ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން، އަވަސް އަރުވާލައިގެން ބަޖެޓު ފާސް ކުރުމުން، މި ސަރުކާރަކީ ހަތަރެސްކަން ހަމަވެ، ހަތަރު އުދަރެސް ފެނުޖެހި، އަދި ކޮންމެ ގޮތެއްވެސް ވަރިހަމަ ސަރުކާރެއްކަން ހާމަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އިން ރޭ ބޭއްވެވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކައިގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ބަޖެޓު ކޮމިޓީ ކުރިއަށް ގެންދިޔައީ "ވަގު ވަގަށް" ކަމަށާއި، އިދިކޮޅު ތަމްސީލު ކުރައްވާ މެމްބަރުންނަށް، ކޮމެޓީގައި ބައިވެރިވެ، ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ފުރުޞަތެއް ނުލިބުނު ކަމަށެވެ.

"އިއްޔެ ބަޖެޓު ފާސްކުރަން، އެއީ ހުކުރު ދުވަސް. ހުކުރު ދުވަހު، ހުކުރު ވަގުތު ބަޖެޓު ފާސްކުރަން އުޅުނު ގޮތުން އަޅުގަނޑުމެންނަށް އެނގިއްޖެ، މިއީ ހަތަރެސްކަން ހަމަވެފަ އޮތް، ހަތަރު އުދަރެސް ފެނުޖެހިފަ، ކޮންމެ ކަމެއް، ކޮންމެ ގޮތެއް ވަރިހަމަވެފައިއޮތް ސަރުކާރެއްކަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ދެކެވެނީ ދިވެހިރާއްޖޭގެ ބަޖެޓުގެ ވާހަކަ ކަމަށާއި، ބަޖެޓު ކޮމިޓީތައް ފަދަ ކޮމިޓީތައް އާންމު ގޮތެއްގައި ކުރިއަށްދާނީ ވަރަށް ބޮޑަށް ރޭވިގެން، ޒިންމާދާރުކަމާއެކުގައި ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބަޖެޓު ކޮމިޓީގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވޭ ދުވަހުން ފެށިގެން، ބައްދަލުވުންތައް ކުރިއަށް ރޭވިފައި ހުރިގޮތްވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހުކުރު ދުވަހު، ހުކުރު ވަގުތު މި އެނގެނީ ހުކުރުން ފައިބައިގެން އެބަ ޖެހޭކަން ބަޖެޓު ކޮމިޓީއަށް ދާން. ބަޖެޓު ކޮމިޓީން ބަޖެޓު ނިންމާލައިފި، ޕީޕީއެމް-ޕީއެންސީގެ އެއްވެސް މެމްބަރަކު ނެތް. ސަރުކާރު ޖަވާބުދާރި ކުރުވާނެ ވާހަކައެއް އެތަނުގަ ބުނާނެ ހަމަ އެކަކުވެސް ނެތް." އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ހުކުރު ދުވަހު ފާސް ކުރީ، ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ.

އަންނަ އަހަރުގެ ބަޖެޓު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ބަޖެޓް ފާސްކުރުމަށް ކޮމިޓީގެ ބައްދަލުވުން ފުރަތަމަ އެޖެންޑާ ކުރީ ބުރާސްފަތި ދުވަހުގެ ރެއަށެވެ. ނަމަވެސް ކުއްލިއަކަށް ހުކުރު މެންދުރުފަހަށް ބަޖެޓް ކޮމިޓީގެ ބައްދަލުވުން ފަސްކުރި ސަބަބެއް ކޮމިޓީން ހާމައެއް ނުކުރައްވައެވެ.

 

 

Ads by Allied Insurance
  1. ރައްޔިތުމީހާ

    މިއީ މައިބަދައިގާ ކުދިރެނދު އަޅާފައިވާ ސަރުކާރެއް ނުވަތަ ބޭކާރެއް