އަމީރުގެ ރައްދު ނަޝީދަށް: ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސަރުކާރުގެ ކުރިއެރުންތައް ފަނޑުކޮށްލުމަށް
ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ އަލަށް ބަޔަކު ދައްކާ ވާހަކައެއްނޫން ކަމަށާއި އެއީ ސިޔާސީ ބޭނުމުގައި ދައްކާ ވާހަކަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކަ އެކި ފަރާތްތަކުން ދައްކަނީ އެކި ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށި ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް ސަރުކާރު ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ކޮވިޑާއެކު ރާއްޖެ ކުރިމަތިލީ މިއަދު މި ތިބި ހާލަތަށްވުރެ މާ ދަތި, ގޮންޖެހުންތައް ބޮޑު ހާލަތަކާ ކަމަށާއި ނަމަވެސް ކޮވިޑުން އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގުތިސާދުތަކުގައި ރާއްޖެ ހިމެނޭ ކަމަށެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މާލިމީކަމުގައި އެ ދަތިން ވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރު ވެސް ހުރި ވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސް ހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން.
އެ ދަތިތަކާއި ގޮންޖެހުންތަކާއެކު ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށާއި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި އިގުތިސާދާމެދު ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދީ ކުރިމަގު އޮތީ ފަހިކޮށް.
އަމީރު ވިދާޅުވިއެވެ.
އަމީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެ ބަނގުރޫޓުވުމުގެ މަގަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގެންފިނަމަ, އެކަން ވާނީ އެ މަނިކުފާނަށް ވަރަށް ލަދުވެތިކަމަކަށް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާ ސަރުކާރާއި ގާނާ ސަރުކާރާއެކު ވެސް އެ މަނިކުފާނު މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި ނަމަވެސް އެ ދެ ޤައުމު ވެސް ދިޔައީ ބަނގުރޫޓުގެ މަގަށް ކަމަށް ކަމަށެވެ.
އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށް ބޮޑު ލަދުވެތި ކަމަކަށޭ ވެގެންދާނީ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ މި ވަގުުތު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވްގައި ފައިސާ ހުރިތޯ ވެސް ސުވާލު އުފައްދަވައިފައެވެ.
ލަންކާ އާއި ގާނާ ބަނގުރޫޓު ވީ ދިވެހި މޭސްތިރި ބަނގުރޫޓު ކޮއްލި އަންނި ގެ ސުންޕާކަމުން ކަން މިހާރު ސާފުވެއްޖެ.
ދިވެހި ރާއްޖެ އަށް ހެޔޮ އެދޭނަމަ އަންނި އާއި އިބޫ އިސްތިއުފާދީ..