ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްމާލުގެ ރައްދު ނަޝީދަށް: ބޮޑު މުސާރަ ނަންގަވާއިރު ދިހަގަޑި ބައިގެ ފަހުން ނުފެނުމަކީ ހިތާމައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު މުސާރަ ނަންގަވައިގެން ހުންނަވައި ކޮންމެ ދުވަހަކު ދިހަގަޑި ބައިގެ ފަހުން މަޖިލީހުން ނުފެނުމަކީ ބޮޑު ހިތާމައެއްކަމަށް ވިދާޅުވެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތީ 22 މެންބަރުން ކަމަށާއި އެ މެންބަރުންނަކީ ވަގުތު ފަހަނައަޅައި ދިއުމަށްފަހު ހާޒިރުވި މެންބަރުންގެ ޢަދަދު ކަމަށެވެ.

ނަޝީދު ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް އިންތިހާއަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށާއި ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާއިރު ޖަލްސާތަކަށް މެންބަރުން ހާޒިރުވެވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އެކަމަށް ރައްދު ދެއްވަމުން އިސްމާޢީލް ވިދާޅުވީ، ބޮޑު މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ތިއްބަވައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ކޮންމެ ދުވަހަކު ދިހަގަޑި ބައިގެ ފަހުން ޖަލްސާއިން ނުފެނުމަކީ ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެ ގަޑީގެ ފަހުން މަޖިލީހުގެ ރައީސް ޖަލްސާއިން ފެނުމަކީ ހުދު ކާޅެއް ފެނުން ކަހަލަ ކަމެއްކަމަށް ވެސް އިސްމާޢީލް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓާ މެދު ކޮމިޓީން ފާސްކުރި ރިޕޯޓާ މެދު ބަހުސް ކުރުމެވެ. ބަޖެޓް ފާސްކުރުމަށްފަހު، މަޖިލީހުގެ މިދައުރު ނިންމާލާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!