ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ފައިކައިރިއަށް ވެރުނު ފިޔަތަކަށް ބަލައިލި އާރިޒްގެ ހިތް ފުރިފައިވީ ޝަކުވާއިންނެވެ. ގޮތްހުސްވެފައިހުރި މީހަކުފަދައިން ހުރިދިމާލުގައި އޭނާއަށް އިނށީދެވުނީ އިތުރަށް ކޮޅަށް ހުންނާނެހައި ވަރު އެހަށީގައި ނެތުމުންނެވެ.

Ads by STELCO

* * * * *

ޒުހޭލް ގެ ޖުމުލަ އަޑުއިވިފައި ފުން ނަޒަރަކުން އޭނާ ގާތްކޮށްލައިގެން ހުރި އަންހެންކުއްޖާއަށް ޚާލިދު ބަލައިލިއެވެ. އެއާއެކު ހިނިގަނޑެއް ޖަހައިލަމުން ދެފަރާތަކަށް އޭނާ ބޯހޫރައިލީ ޒުހޭލްގެ މިޒާޖު ކުޑަކޮށްވެސް ބަދަލެއް ނުވެއޭ ބުނަމުންނެވެ. ހައިރާންވެފައި ޚާލިދާއި ޒުހޭލްއާ ދިމާއަށް ބަލަން ދާމިން އިނީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. އޭނާގެ މާޔޫސްވެފައިވި ނަޒަރު އިރުއިރުކޮޅާ ލީމްގެ މޫނަށް ހުއްޓެމުންދިޔައީ އެމޫނުންވިއަސް ހަގީގަތް އެނގިދާނެކަމަށް އުއްމީދުކުރެވޭ ވަރުންނެވެ. އެހެނަސް އިސްޖަހައިލި ގޮތަށް ލީމް ހުރީ ގުޑިވެސްނުލައެވެ.

"ޒުހޭލް ތިއުޅެނީ އަހަންނަށް އޮޅުވާލަން ކަމަށްތަ.. އަހަންނަށް ޔަގީންކޮށް ބުނަން އެނގޭ ތީ ޒުހޭލްގެ އަންހެނުން ނޫންކަން.. ހަނދާންވަނީ އަހަރެމެންގެ ޅަދުވަސް.. އޭރުވެސް ޒުހޭލް އުޅެނީ ހަމަ ތިހެން.. އާތިކާ.. މީނަ ދުވަހަކުވެސް ހަމަ ބަދަލެއް ނުވާނެ ދޯ.." ޚާލިދުގެ ވާހަކަތައް ނިންމައިލީ އެމީހުން ކައިރީގައި ހުރި މެދުއުމުރުގެ އަންހެންމީހަށް ދޯ ދެމުންނެވެ. ހިނިއައިސްފައި ހުރި އާތިކާވެސް ޚާލިދުގެ ވާހަކަތަކުގައި ބައިވެރިވަމުން ބޯޖަހައިލިއެވެ. އޭނާ ފިރިމީހާގެ ގޮތް ނިކަން ރަނގަޅަށް ދަނެއެވެ. ބައެއްފަހަރު ޒުހޭލްގެ ސަމާސަތަކުގައި ޚުދު އާތިކާވެސް ވަނީ ބައިވެރިވެފައެވެ. މިފަހަރުވެސް އެއްޗެއް ނުބުނެ އޭނާ ހުރީ ޚާލިދަށް ލީމް އަކީ ކާކުކަން އެނގޭތޯ ބަލަން ބޭނުންވުމުންނެވެ.

"އަހަންނަށް އޭރުވެސް އެނގޭ ޚާލިދަށް އޮޅުވާނުލެވޭނެކަން.. ހެހެ.. ލީމް މީ އަހަރެންގެ ލޯބިވާ ދަރިފުޅު.. ބައްޕަގެ ހަމައެކަނި ޕްރިންސެސް ދޯ ދަރިފުޅާ.." ނުހަނު ލޯބިން ލީމްގެ ބޮލުގައި ފިރުމައިލަމުން ޒުހޭލް ބުނެލިއެވެ. އެއަޑު އިވިފައި ދާމިންއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. މިއޮއް ހުރިހައިއިރު ނުތަނަވަސް ވެފައިވި އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އިތުރު އުފާވެރިކަމެއް އެދެއާއިލާ ގުޅިފައިވީ މިންވަރު ވިސްނިފައި އޭނާއަށް ލިބުނެވެ. ހަމަޔަގީނުންވެސް އޭނާއާއި ލީމް ގެ ގުޅުމަށް ދެއާއިލާވެސް ރުހޭނެއެވެ. ކުރެވެމުންދިޔަ ފޮނިފޮނި އުއްމީދު ތަކާއެކު ދާމިންގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ.

ކައިނިމިގެން އެންމެން ކާގެތެރެއިން ނުކުތްއިރުވެސް ލީމް އެކަނިމައި އެކަނި އެތަނުގައި އިނީ ފުންޚިޔާލަކަށް ގެއްލިފައެވެ. އިތުރަށް ދާމިންގެ ކުރިމައްޗަށް ނުކުންނަ ކަހަލަ ޚިޔާލެއް އޭނާގެ ނެތެވެ. އާތިކާ ގާތުގައި ކޮންމެވެސް ބަހަނާއެއް ދައްކައިފައި އެތަނުގައި އޭނާ މަޑުކުރީވެސް އެހެންވެއެވެ. ފިކުރުތަކަށް ގެއްލިފައިވީވަރުން ފަހަތުން މީހަކު އައިސް ހުއްޓުނުކަންވެސް ލީމް ނުދެނަ ހުއްޓެވެ. ފުރުސަތުގެ ބޭނުން ހިފައި ދާމިން މަޑުމަޑުން ގުދުވެލަމުން ލީމްގެ ކަންފަތަށް ފުމެލިއެވެ. ސިހިފައި އިންތަނުން އޭނާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ފަސްއެނބުރި ބަލައިލިއިރު ހިނިއައިސްފައި ހުރި ދާމިން ފެނުމުން އޭނާ ލޯއަޅައިލިއެވެ.

"އައްދެ.. ހާދަ ރުޅިއެއް ތިއައީ.. އަހަރެން ފެނުނީމަތަ.." ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ދާމިން އަހައިލިއެވެ. ތުންފިއްތައިލި ލީމް އުޅުނީ އަވަސް އަވަހަށް އެތަނުން ނުކުންނާށެވެ. އެހެނަސް ދާމިން މާ ހުޝިޔާރެވެ. ލީމްގެ ކުރިމައްޗަށް އެރުމާއެކު އެތަނުން ލީމް ދިޔަނުދީ އޭނާ ހުއްޓުވިއެވެ.

"ކީއްވެތަ އަހަރެން ފެނުނީމަ ތިވަރަކުން ފިލަން އުޅެނީ.. އަނެއްކާ އަހަރެން ފެންނަނީ ބިރުވެރި ފުރޭތައެއްގެ ސިފާގަތަ.. އެނީވޭސް.. ފިލަން ދުވާވަރަކަށް އިތުރަށް ހަމަ ގާތްވާގޮތް މިވަނީ.. އަހަރެން ހިއެއް ނުކުރަން އެހާ އަވަހަށް ލީމްގެ ނަން ވެސް އެނގޭނެ ކަމަކަށް.. އެކަމަކު ބަލާބަލަ ތަޤުދީރުގެ ރޭވުން.. ހެހެ.. އަހަންނަށް ހީވަނީ މީ ސައިންއެއް ހެން.. ނޫންތަ.." ދާމިންގެ އަޑުގައިވީ ލާނެތްކަމެވެ. އެވާހަކަތަކުން ލީމްގެ ދެބުމަ އިތުރަށް ގޮށްޖެހިގެން ދިޔައެވެ. މޫނުމަތިން އެކަނިވެސް އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވެއެވެ. ނަމަވެސް އެއިން ކަމަކަށް ދާމިންގެ އެއްވެސް ފަރުވާލެއް ނެތްފަދައެވެ. ލީމްއާ ސަމާސަކޮށްލަން ބޭނުންވެފައި ހުރިކަން އޭނާގެ ބަސްމަގު ހުރިގޮތުން އަންގައިދެއެވެ.

"އެންމެ ފުރަތަމަ ފެނުނުއިރު ލޯބިކަމުން އަހަރެން ހީކުރީ ތީ ލަވް ބާރޑެއްކަމަށް.. އެކަމަކު އަސްލު ލީމް މިވީ އެންގްރީ ބާރޑަކަށް ދޯ.." ލީމްގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އަނެއްކާވެސް ލާނެތް ގޮތަކަށް ދާމިން ބުނެލިއެވެ. ދާމިންގެ ވާހަކަތަކުން ރުޅިއައިސް ރަތްވެފައި ހުރެގެން ހަލުވި ފިޔަވަޅުތަކެއްގައި ލީމް އެތަނުން ނުކުންނަން ހިނގައިގަތެވެ. މިފަހަރު އޭނާ ހުއްޓުވާކަށް ދާމިން ވެސް މަސައްކަތެއް ނުކުރެއެވެ. އެހެނަސް ލީމްގެ މޫނަށް ޖެއްސި ވައްތަރުތައްފެނި އޭނާގެ ހުނުން ކޮންޓްރޯލެއް ނުކުރެވުނެވެ. "ހަމަ އަސްލުވެސް އެންގްރީ ބާރޑެއް.. އެކަމަކުވެސް ހެޔޮ.. އަހަންނަށް ވަރަށް ކަމުގޮސްފި.." ހުނުން މަތަކުރަމުން ސިއްރެއް ފަދައިން ދާމިން ބުނެލިއެވެ.

* * * * *

އިރުއޮއްސެމުން އައި ވަގުތެވެ. ގޮނޑުދޮށުގައި އިނށީދެލައިގެން މޫދަށް ނަޒަރު ހުއްޓައިލައިގެން އިން އާރިޒްގެ މޫނުމަތީގައިވީ މާޔޫސްކަމެވެ. މުޅި ނަފުސަށް ވެރިވެފައިވި ހިމޭންކަން ފޫބައްދާނެގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެދެލޮލުން ފައުޅުވަމުންދިޔައީ ފަޅުކަމެވެ. އިހު ހުރި ވިދުންވެސް ގެއްލިފައިވީކަހަލައެވެ. އިރުކޮޅަކު އާރިޒްއަށް ބަލަން ހުރެފައި ޒާމިން އައިސް އޭނާ ގާތުގައި އިނށީދެލިއެވެ. އެހާދިސާއަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރުވެސް އާރިޒް އެއްކޮށް ހަމައަކަށް ނޭޅޭކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައިވީ އެހެންވެއެވެ.

"އާޒް.. އާޒް އެދެފިނަމަ އަހަރެން ޖުމާނާއާ ވާހަކަދައްކަފާނަން.. މެހެރީންއާ ގުޅޭނެ ގޮތެއް އޭނާ ހޯދަދީފާނެ.." އެންމެފަހުން ކެތްނުވެގެން ޒާމިން ބުންޏެވެ. އެޚިޔާލު އޭނާގެ ސިކުނޑީގައި އެނބުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނަސް އާރިޒްއާ ވާހަކަދައްކައިފައި ނޫނީ އެކަމަށް އަމަލީ ސިފައެއް ގެންނަން ޒާމިން ބޭނުންނުވީއެވެ.

"ނޫން.. އިތުރަށް މެހެރީންގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.. އެއީ އަހަންނަށް ފެނުނު ރީތި ހުވަފެނެއްކަމަށް ހީކޮށްލާފަ ހަނދާންނައްތާލަން ބޭނުންވަނީ.. އެއްފަރާތުން ވެވުނު ލޯތްބަކުން ކުރާނެ ފައިދާއެއް ނޯންނާނެ.." ހިތިގޮތަކަށް އާރިޒް ހިނިތުންވެލިއެވެ. ބަދަލުގައި ބުނާނެ އެއްޗެއް ޒާމިންއަކަށް ނުވިސްނުނެވެ. ބޯޖަހައިލަމުން އޭނާވެސް ޚިޔާރުކުރީ ހިމޭންކަމެވެ.

އާރިޒްއަށްވުރެ ކުރިން އެތަނުން ދިއުމަށްޓަކައި ޒާމިން ތެދުވިއެވެ. އެކަނިމައި އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި އިން އާރިޒް ގެއަށް ދިއުމަށް ޚިޔާލުކުރީ އޭގެ އިރުކޮޅެއް ފަހުންނެވެ. މަޑު ހިނގުމެއްގައި ގެއަށް އައިސް ވަތްއިރު، މުޅި ގެއަށް ވެސްވީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. އެކަކުވެސް ގޭގައި ނެތްކަން އަންގައިދިނީ ސިޓިންގްރޫމަށް ފެތުރިފައިއޮތް އަނދިރިކަމެވެ. ވިސްނައިގެން ހިނގަމުން އައިސް އާރިޒް ބޮކިތައް ދިއްލައިލިއެވެ. އެވަގުތު އައި ނައިތަނެއް ނޭނގި ފެނުނީ އޭނާގެ ގައިގައި އަންހެންކުއްޖަކު އައިސް ބައްދައިލިތަނެވެ. ލިބުނު ސިހުމުގައި އެކުއްޖާގެ އަތުގައި އާރިޒްއަށް ހިފަހައްޓައިލެވުނެވެ.

"އާޒް.. އަހަރެން ކޮންއިރެއް އާޒްގެ އިންތިޒާރުގަ ހުންނަތާ.. ގޭގަ އެކަކުވެސް ނެތް.. މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެކަން ޔަގީން.. އަހަރެން އާޒް ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. އެނގޭ އެއީ އާޒްވެސް އަޑުއަހަން ބޭނުންވާނެ ވާހަކަތަކެއްކަން.. މިވަގުތުކޮޅަށް އަހަރެން އިންތިޒާރުކުރާތާ ކޮންދުވަހެއް.. އާޒް.. އަހަރެންވެސް އާޒްދެކެ އިންތިހާއަށް ލޯބިވޭ.. ދޮންބެ ބުނިހެން ލޯބިވުމަކީ ކުށެއްނޫން.. ވިޔާނުދާވުމެއްވެސް ނޫން.. އަހަންނަށް އެނގޭ އަހަރެންމީ ދެބެންގެ ދެދަރިކުއްޖަކަށް ވީމަކަށް އާޒްއަށް އަހަރެން ކުރިމަތީގައި ލޯތްބަށް އިއުތިރާފުވާން ނުކެރިފަ ހުރީ.. ތެދަށް ބުނަންޏާ މިހުރިހާ ދުވަހު އަހަރެންވެސް އެހެން ހިތަށް އަރާވަރުން ސިއްރުކޮށްގެން ހުރީ.. އެކަމަކު ދެން އިތުރަކަށް ކެތެއްނުވާނެ.. އަހަންނަށް ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް.. އަހަރެން އާޒްދެކެ ވަރަށް ލޯބިވޭ.." އާރިޒްގެ ގައިގައި ނުހަނު ބާރަށް ބައްދައިގެންހުރި ޒޭބާގެ ދުލުން ނުކުތް ކޮންމެ ލަފުޒެއް އާރިޒްގެ ކަންފަތާ ހަމައަށް އައީ ހޮނުގުގުރިއެއް ފަދައިންނެވެ. ހިނދުކޮޅަކަށް އޭނާ ވަށައިގެންވި މާހައުލުވެސް އެނބުރިގަތްފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ހުއްޓުން އަރައިފައި އޭނާއަށް ހުރެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީވަރުންނެވެ. ޒޭބާގެ ދުލުން އެފައުޅުކުރީ ހުވަފެނުގައިވެސް އޭނާއަށް އަޑުއަހަން ޖެހިދާނޭ ހީނުކުރާފަދަ ބަސްތަކެކެވެ.

ދެފަރާކަތަށް ބޯހޫރައިލުމާއެކު ޒޭބާގެ ކޮނޑުގައިހިފައި އާރިޒް ދުރުކޮށްލީ ގަދަކަމުންނެވެ. ގޭގައި މީހަކު ނެތްކަން ނަސީބެކެވެ. މިވާހަކަތައް ބޮޑުދައިތައަށް އެނގިއްޖެނަމަ އޭނާދެކެ އިންތިހާއަށް ރުޅިއަންނާނެކަން ޔަގީނެވެ. ޒޭބާ އަކީ ބޮޑުދައިތަގެ އެންމެ ލޯބިވާ ހަގުދަރިފުޅު ވިއްޔާއެވެ. ވާނުވާ ނޭނގިފައި މައުސޫމު ގޮތަކަށް އާރިޒްއާ ދިމާއަށް ބަލަހައްޓައިގެން ޒޭބާ ހުއްޓެވެ. އެދެލޮލުން ފައުޅުވަމުންދިޔަ ބޭގަރާރުކަންފެނި އާރިޒްއަށް ހިންދިރުވައިލެވުނެވެ. ޒޭބާއަށް ވިސްނައިދޭނެ ގޮތެއް ނޭނގިފައި އިރުކޮޅަކު އޭނާއަށް ހުރެވުނެވެ.

"އާޒް.. ކީއްވެ އެއްޗެއް ނުބުނީ.. އެންމެ ފަހަރަކު ވިއަސް ބުނެބަލަ އަހަރެންދެކެ ލޯބިވެއޭ.. އާޒްގެ ދުލުން ބުނެލާއަޑު އަހާލަން ވަރަށް ބޭނުން.." ކެތްތެރިކަން ކުޑަވެފައިހުރެ ޒޭބާ އާދޭސްކޮށްލިއެވެ.

"ޒޭބް.. ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ.. އަހަރެން.. އަހަރެން ކޮންއިރަކު ބުނީ ޒޭބް ދެކެ ލޯބިވެއޭ.." އާރިޒްގެ އަޑުގައިވީ ހާސްކަމެވެ. މިއިން އެއްވެސް ވާހަކައެއް އިތުރުމީހަކަށް އަޑުއިވޭކަށް އޭނާ ނޭދެއެވެ.

"އަހަންނާ ސަމާސަ ކުރަނީ ދޯ.. ނޫނީ އަދިވެސް އާޒް ޖެހިލުންވަނީތަ.. ކުރިން ރޭ އާޒްއާ ދޮންބެއާ ދެމީހުން ދެއްކި ވާހަކަތައް އަހަރެން އަޑުއެހީމޭ.. ނުބުންޏަސް އަހަންނަށް އެނގޭ އާޒްވެސް ލޯބިވަނީ އަހަރެންދެކެކަން.." އާރިޒްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޒޭބާ ބުންޏެވެ. އެއާއެކު އާރިޒް ޖެހިލީ ފަހަތަށެވެ.

"ޒޭބް ޕްލީޒް.. ތީ މިސްއަންޑަސްޓޭންޑިންގްއެއް.. އަހަރެން.. އަހަރެން އެފަދަ ނަޒަރަކުން ޒޭބްއާ މެދު ނުދެކެން.. ޒޭބް އަށް ކުޑަކޮށްވެސް އެހެން ހީވާފަދަ ކަމެއް އަހަރެންގެ ފުށުން ފެނިފަ ހުރިއްޔާމުން އަހަންނަށް މަޢާފުކޮށްދީ.. އަހަރެން ދެކެނީ ތީ ހަމައެކަނި އަހަރެންގެ ކޮއްކޮއެއް ގޮތަށް.. ފަހަރެއްގަވެސް ތިބުނިފަދަ ނަޒަރަކުން އަހަރެން ޒޭބްއާ ދޭތެރަކު ނުދެކެން.. އައި އެމް ސޮރީ.." ޒޭބާ ދެރަނުވާނެފަދަ ގޮތަކަށް އެވާހަކަތައް ބުނާނެ ގޮތެއް އާރިޒްއަކަށް ނުވިސްނުނެވެ. ކޮންމެ ގޮތަކަށް ލަފުޒުތައް އަތުރައިލި ނަމަވެސް ދޭން އޮތީ އެންމެ މެސެޖެކެވެ. އެއީ އޭނާ ލޯބިވާ ފަރާތަކީ ޒޭބާ ނޫންކަމެވެ. މިހުރިހައި ކަމަކީ ޒޭބާއަށް އެރި ބޮޑު އޮޅުންގަނޑެއް ކަމެވެ.

އާރިޒްގެ ވާހަކަތަކުން ޒޭބާއަށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އަތްއަޅައިލެވުނެވެ. އެހިނދު ބޮޑެތި ކަރުނަތިކިތައް އެދެލޮލަށް ޖަމާވާންފެށީ ބަސްބުނާހައި މަދު ވަގުތުކޮޅެއްގެ ތެރޭއެވެ.

"ނޫން.. އާޒް.. އާޒް ދޮގު ހަދަނީ.. އެހެން ކިހިނެއްވާނީ.. އަހަރެން ހުރިހާ ވާހަކައެއް ރަނގަޅަށް އަޑުއެހީމޭ.."

"އަހަރެން އެ ވާހަކަތައް ބުނީ ޒޭބްއަށް މާނަކޮށްފައެއް ނޫނޭ.." މަޑުމައިތިރި ރާގަކަށް އާރިޒް ބުނެލިއެވެ.

"ތިބުނީ.. އާޒް.. ލޯ.. ލޯބިވަނީ.. އެހެން ކުއްޖެއްދެކެ އޭތަ.." ހިތްވަރުކޮށްފައި ކަރުނަތައް ހިފާއްޓަމުން ޒޭބާ އަހައިލިއެވެ. އޭނާ ބުނިލެއް މަޑުކަމުން އާރިޒްއަށް އެވާހަކަތައް އިވުނީ ކިރިޔާއެވެ. ހަށިފުރާ ދޫކޮށްލި ނޭވައާއެކު ޒޭބާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އާރިޒް މަޑުމަޑުން ބޯޖަހައިލިއެވެ. އެއާއެކު ޒޭބާ ހީވީ މޮޔަވީހެނެވެ. ނޫނެކޭކިޔައި އޭނާއަށް ހަޅޭއްލަވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އާރިޒްއާ ގާތްވުމާއެކު އޭނާގެ ގަމީހުގައި ހިފައި ބޮނޑިކޮށްލަމުން ޒޭބާ ދެފަރާތަށް ބޯހޫރަމުންދިޔައެވެ.

"ބުނޭ އެއީ ކާކުކަން.. ބުނޭ.. އަހަރެން އެމީހެއްގެ ދުވަސް ދުއްވާލާނަން.. އަހަންނާ އާޒްއާ ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ.. ތީ ހަމައެކަނި އަހަރެންގެ ހައްގެއް.. އެންމެ ޅަދުވަހުން ފެށިގެންވެސް އަހަރެން އާޒްދެކެ ލޯބިވެއޭ.. އާޒްދެކެ އެންމެ ފުރަތަމަ ލޯބިވީވެސް އަހަރެން.. އެހެންވީމަ އާޒް ލިބެންވެސް ޖެހޭނީ އަހަންނަށް.. ޕްލީޒް.. ބުނޭ އާޒް ލޯބިވަނީ އަހަރެންދެކެއޭ.." ރޮމުން ހަޅޭއްލަވަމުންދިޔަ ޒޭބާ ހިފަހައްޓާލުން އާރިޒްއަށްވީ ދަތިކަމަކަށެވެ. އާރިޒްގެ މޫނުގައި ހިފައިގަނެގެން ހުރެ އެމޫނުގެ އެތަން މިތަނުގައި ޒޭބާ ބޮސްދެމުންދިޔައީ މޮޔައަކުފަދައިންނެވެ. އާރިޒްގެ ވާހަކަތައް ގަބޫލުކުރަން އޭނާ ދެކޮޅުހަދަމުންދިޔައެވެ. ޒޭބާގެ ނަމުން އާރިޒް ބާރަށް ގޮވަމުންދިޔަކަންވެސް އޭނާއަށް ރެއަކާނުލައެވެ. އޭރު ޒޭބާގެ ހަށިގަނޑުގައި ހިފަހައްޓައިގެންހުރެ އާރިޒް މަސައްކަތްކުރަމުން ދިޔައީ ޒޭބާ ދުރަށް ޖެއްސުމަށެވެ. އެހެނަސް ދުރުކޮށްލާއިރަށް ޒޭބާ އައިސް އާރިޒްގެ ގައިގައި ތަތްކޮށްލަނީ ހިންދެމިލާނެ ފުރުސަތެއްވެސް ނުދީއެވެ.

އެކުވެރިންތަކަކާއެކު ބޭރުގައި އުޅެފައި ގެއަށް އައިސް ވަތް ހުމޭދާއަށް އެހުރިހައި މަންޒަރެއް ސާފުކޮށް ފެންނަމުން ދިޔައެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ވަތް ޒާމިން ވެސް ހުރީ ފެންނަމުންދިޔަ ކަންތަކުން ދެލޯބޮޑުވެ ހުއްޓުން އަރައިފައެވެ. އެންމެފަހުން ޒޭބާގެ ދުލުން ނުކުތް ކޮންމެ ޖުމުލައެއް ނުހަނު ސާފުކޮށް އޭނާއަށް ވެސް އަޑުއިވުނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ހުމޭދާގެ ބާރު ހަޅޭކުގެ އަޑުން މުޅި ސިޓިންގްރޫމްތެރެ ގުގުމައިގެން ދިޔައެވެ. ޒޭބާގެ ނަމުން ހަރުކޮށް ގޮވައިލިއިރު ރުޅިއައިސްގެންގޮސް އޭނާ ތުރުތުރުއަޅަމުން ދިޔައެވެ. ސިހިފައި އާރިޒްގެ ގައިން ދޫކޮށްލި ޒޭބާއަށް އޭނާއާ ދުރަށް ޖެހިލެވުނެވެ. މަންމަގެ ރުޅިވެރި ނަޒަރު ފެނުމުން އޭނާއަށް ހިންދިރުވައިލެވުނީ ބިރުގަތްވަރުންނެވެ.

ހުމޭދާގެ އަޑުއިވިފައި އާރިޒްއަށް ދެލޯމަރައި ބާރުކޮށްލެވުނެވެ. ކަންތައްތައް ގޯހުން ގޯހަށް ދިޔައީކަން ވިސްނި އޭނާ ނުހަނު ޖެހިލުންވިއެވެ. ބޮޑުދައިތަ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ އިތުރު ހާސްކަމެއް އޭނާގެ ނަފުސު ވަށައިލިއެވެ. ކުށެއް ނުކުރިއެއްކަމަކު ގެންފައިވި ލަދެއްގެ ބޮޑުކަމުން ފަސްއެނބުރި ބޮޑުދައިތައާ ކުރިމަތިލާކަށް އޭނާއަކަށް ނުކެރުނެވެ. ވާންމިއުޅެނީ ކިހިނެއްތޯ އަމިއްލަ ނަފުސާ އޭނާއަށް ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!