މޮސްޓާއަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް
ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައިި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ޢުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ މާރާމާރީއާއި ތޫނު ހަތިޔާރާ ގުޅުންހުރި ކުށުގެ ރެކޯޑުތައް އޮންނަ މީހެއްކަމަށް ކޯޓު ޢަމުރުގައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ ޞަފްޢަތު ޙަބީބް ޢަމުރުކުރެއްވީ 30 ދުވަހުގެ މުއްދަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ފުލުހުން ވަނީ ހެއްކާއި ޤަރީނާ ހުށަހަޅުއްވައިފައެވެ. އޭގެތެރޭގައި ހެކިންގެ ހެކިބަހާއި ސީސީޓީވީ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބުނު އަނިޔާގެ ފޮޓޯއާއި އިންޓެލިޖެންސް ރިޕޯޓާއި އިންޒާރުތަކުގެ މެސެޖުތަކުގެ ސްކްރީން ޝޮޓްތައްވެސް ހިމެނެއެވެ.