ޚަބަރު ސަރުކާރު

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޞާލިޙް މިހެން ވިދާޅުވީ ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސޫ ކޮކް ލެންގްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޞާލިޙަށް އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ދެ ޤައުމުގެ ދެމެދު އޮތް ބަދަހި ގުޅުން ބިނާވެފައި ވަނީ ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައިވާ ދޭދޭ ގުޅުމާއި، ދެ ޤައުމުން ޤާބޫލުކުރާ އުސޫލުތަކުގެ މައްޗަށް ކަމަށެވެ.
އަދި ސިންގަޕޫރަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅިގެން އެކުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެ ބޭފުޅުން ވަނީ ދެއްވާފައެވެ.

ރާއްޖެއާއި ސިންގަޕޫރުން ސިޔާސީ ގުޅުން ޤާއިމުކުރިތާ މިހާރު 47 އަހަރުވެއްޖެއެވެ. ދެ ޤައުމުން ސިޔާސީ ގުޅުން ޤާއިމުކުރީ 20 ފެބްރުއަރީ 1975 ވަނަ އަހަރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!