އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމިއްޖެ، ހުކުމް އަންނަ މަހު

ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރުމުގެ ޝަރީއަތް އެއްމަސް ދުވަހުގެތެރޭގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
ވ.އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލާގައި ރައީސް ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެއެވެ.
މިމައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ މަޖިލިސް ކަމަށެވެ. މި މަޖިލިސް ޤާނޫނުގައި ކަނޑައަޅާފައިވާ އެއްމަސް ދުވަހުގެ ތެރޭގައި ބާއްވާނެކަމަށް މައްސަލަ ބައްލަވާ ޤާޒީ ވަނީ ވިދާޅުވެފައެވެ.