ކުއްޖާ އުފަންވާތާ ހަތް ދުވަސްތެރޭ ރަޖިސްޓްރީނުކޮށްފިނަމަ މިއަދުން ފެށިގެން ޖޫރިމަނާ ކުރަނީ
ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަސްތެރޭގައި ރަޖިސްޓްރީ ކުރަން ހުށަނާޅައިފިނަމަ ބޮޑު ޖޫރިމަނާއެއް ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.
އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާބެހޭ ބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލު މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާއިރު ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
މި ޤާނޫނުގައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އަދި ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވުމާއެކު އެ ކުއްޖެއްގެ އުފަންވުން މި ޤާނޫނުގައިވާ ގޮތުގެ މަތިން ރަޖިސްޓަރީކުރުމަކީ ކުއްޖާގެ މައިންބަފައިންގެ މައްޗަށް ލާޒިމުކަމެކެވެ. އަދި ކުއްޖާގެ މައިންބަފައިން ނެތްނަމަ އެ ވާޖިބު އަދާކުރާނީ ކުއްޖާގެ ބެލެނިވެރިޔާއެވެ.
އެ ގޮތުން ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށްޓަކައި އެ ކުއްޖާ އުފަންވި ރަށް ނުވަތަ ސިޓީގެ ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ. ކުއްޖާ އުފަންވީ މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކަމުގައިނުވާނަމަ ކުއްޖާގެ އުފަންވުން ރަޖިސްޓަރީކުރުމަށްޓަކައި ހުށަހަޅާނީ އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.
މި ޤާނޫނުގައި ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިން ނުވަތަ މައިންބަފައިން
ނެތް ހާލަތެއްގައި އެކަން ކުރުމަށް މި ޤާނޫނުން ލާޒިމުކުރާ އެހެން ފަރާތަކުން އެކަން ނުކޮށްފިނަމަ އެކަން ނުކުރި ސަބަބަށް ރިޢާޔަތްކޮށް، 10,000 ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ. ޤާނޫނުގެ 38 ވަނަ މާއްދާގައިވެއެވެ.
މި ޤާނޫނުގައި ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާގުޅޭ އުސޫލުތަކާއި، ރާއްޖޭގައި މަރުވާ މީހުންގެ މަރު ސާބިތުކުރުމާއި ރާއްޖޭގައި މަރުވާ މީހުންގެ މަރުވުން ރަޖިސްޓަރީކުރުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ ޖޫރިމަނާކުރާނެގޮތުގެ ތަފްސީލު ވެސް ބަޔާންކޮށްފައިވެއެވެ.