ދުނިޔެ

ތާލިބާނުން މަރާލައި، ރަހީނުކުރި މީހުން ސަލާމަތްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކައުންޓަ-ޓެރަރިޒަމް ސެންޓަރުގައި ހައްޔަރުކޮށްފައި ތިބި ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންތަކެއް އެ މަރުކަޒު ހިފައި، ސިފައިންތަކެއް ރަހީނުކޮށްގެން އުޅެނިކޮށް، ޕާކިސްތާނު ސިފައިން އެތަނަށް ހަމަލާދީ ތާލިބާންގެ ހަނގުރާމަވެރިންތައް މަރާލައި ސިފައިން ސަލާމަތްކޮށްފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ އުތުރުގައި އޮންނަ އެކަހެރި އަވަށެއްގައި ހުރި، ކައުންޓަ-ޓެރަރިޒަމް ސެންޓަރުގައި، ބަންދުކޮށްފައި ތިބޭތާ އަހަރުތަކެއް ވެފައިވާ ތާލިބާންގެ ހަނގުރާމަވެރިންތަކެއް، އެ މަރުކަޒުގެ ފާރަވެރިންގެ މައްޗަށް ގަދަވެގަނެ، އެ މަރުކަޒު އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެ ތަނުގައި ހައްޔަރުކޮށްފައި ތިބި އެންމެންނަކީ ވެސް، ތަހްރީކްއޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

އެމީހުން އެތަން ހިފުމަށް ފަހު، އެ ތަނުގައި ހުރި ހަތިޔާރުތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އެ ތަނުގެ ތެރޭގައި ތިބި ސިފައިން އެ ތަނުގެ އެތެރޭގައި ރަހީނުކުރިއެވެ. އެއަށް ފަހު އެމީހުން ޕާކިސްތާނު ސަރުކާރަށް ހުށަހެޅީ، ތާލިބާން ޖަމާއަތުގެ ނުފޫޒު ގަދަ ސަރަހައްދުތަކަށް އެމީހުންނަށް މިނިވަންކަމާއެކު ދެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

ތާލިބާނުންގެ ހުށަހެޅުންތަކަށް ޕާކިސްތާނު ސަރުކާރުން އެއްބަސްނުވެ، އެމީހުން ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ފުރުސަތު ދިނެވެ. އަދި ހަތިޔާރު ބަހައްޓައި އަމާން ދިނުމާ ބެހޭ ގޮތުން، 40 ގަޑިއިރަށް ވުރެ ގިނަ ވަގުތު، އެމީހުންނާ އެކުގައި ވާހަކަ ދެއްކި ކަމަށް، ޕާކިސްތާނުގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.

ނަމަވެސް، ޕާކިސްތާނު ސަރުކާރުގެ އެންގުމާ އެއްގޮތަށް އެމީހުން ހަތިޔާރު ނުބެހެއްޓުމުންނާއި، އެތަން ހިފުމަށް ހަނގުރާމަވެރިން ކުރި މަސައްކަތުގެ ތެރޭގައި، ސިފައިންގެ ދެ މީހަކު މަރާލާފައިވުމާ އެކު، ޚާއްސަ ފައުޖުގެ ސިފައިން ފޮނުވައިގެން، އެ މައްސަލަ ހައްލުކުރަން ނިންމީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!