ހަފުތާ ބަންދުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީގެ ތިން ރަށަކަށް ފުރާވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.
މި ދަތުރުފުޅުގައި ދާންދުއާއި ނިލަންދުއާއި މާމެންދުއަށް ވަޑައިގެން އެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވައިލައްވައި ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
ހަމައެހެންމެ އެ ތިން ރަށުގެ ކައުންސިލު އިދާރާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ދަތުރުފުޅަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ކަމަށެވެ.