ޚަބަރު ސަރުކާރު

ތަރައްޤީއަށް މި ކުރާ މަސައްކަތުގައި، އަޅުގަނޑުމެންނާ އެކުގައި ތިއްބަވާ: ރައީސް ޞާލިޙު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ގއ.ދާންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު--

ޤައުމު ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނައިރު، ރައްޔިތުން ސަރުކާރާ އެކުގައި ތިބުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

Ads by MWSC

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫގައި އަލަށް އިތުރުކުރެވުނު ބިން ރަސްމީކޮށް ކައުންސިލާ ޙަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިން ސަރަޙައްދުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަރުކާރަށް ހަތަރު އަހަރުވީއިރު، ރައްޔިތުން ސަރުކާރު ބަލައިގެންފި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައިވާތީ ކަމަށް ވިދާޅުވެފައެވެ.

އޭގެތެރޭގައި އަސާސީ ޚިދުމަތްތައް ހޯދުމާއި، އިޖްތިމާޢީ ހަމަޖެހުން ޤާއިމްކުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރު ގެއްލިފައި އޮތް ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން އެދުނު. ބޭނުންވެފައި އޮތް އަސާސީ ޚިދުމަތްތަކެއް، އެތައް ދުވަހެއް ވާންދެން ވަކިވަކި ފަރުދުންނަށާއި، ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތައް އަވަހަށް ރައްޔިތުން ބޭނުންވޭ." ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙު ވަނީ ސަރުކާރުން ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން ސިޔާސީ ޚިޔާލުތަފާތުވުމާއި ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ޤާއިމްކުރުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާފައި ނުވާނޭކަމަށާއި، ކުރިން މެދުކެނޑެމުން އައި އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވިޔަފާރިވެރިން އޭރު އުޅެމުންދިޔަގޮތް ވިސްނާވަޑައިގަންނަވާ. ކޮން ވިޔަފާރިވެރިޔަކަށްތޯ، މިނިވަންކަމާއެކީގައި ވިޔަފާރިއެއް ކުރުމުގެ ފުރުޞަތު އޮތީ؟ ވިޔަފާރިއެއް ކުރަން ބޭނުންކަމަށްވަންޏާ، އަދި ޓޫރިޒަމް ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ބޭނުންވެއްޖެ ކަމަށްވަންޏާ، ކުރަންޖެހޭގޮތް، އޭރު ކުރެވިފައި އޮތްގޮތް، ކުރިގޮތް މިއަދު އޮތީ ފެންނަން. މިއަދު މިހިސާބަށް އައިއިރުގައި، މި ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް ތިޔަބޭފުޅުން ބައްލަވާ. އެއްވެސް ވިޔަފާރިވެރިޔަކަށް، އެއްވެސް އިންވެސްޓަރަކަށް ހުރަސްއަޅާފައި އޮތްތޯ. މިނިވަންކަމާއެކީގައި ވިޔަފާރި ކުރެވޭނެ މާޙައުލެއް އިރާދަކުރެއްވިއްޔާ، މިއަދު އަޅުގަނޑުމެން މިވަނީ ޤާއިމުކޮށްދީފައި."

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިއަދާ ހަމަޔަށް 15,000 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރަމުންދާކަމަށާއި، ގއ. ދާންދޫއަށް އެކަނި ބެލި ކަމުގައިވިޔަސް މި ޕްރޮގްރާމްގެ ދަށުން 125 މީހެއް މަތީ ތަޢުލީމު ހާސިލްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވަނީ މި ސަރުކާރުގެ ވެރިކަމުގެ 5 އަހަރު ނިމޭ އިރު ލަފާފުރުމަށް ދަތިވެފައިވާ ރަށެއް ނޯންނާނެކަމަށާއި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ހިސާބަކުން ވެސް ސާފު ފެނާއި ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގައިވެސް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ބަގުއްޑޭ

    ހެޔޮނުވާނެ ފުރެންޑު ދެން އަވަހަށް ދުރުވޭ