ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ނެތި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވުމަށް ޖާގައެއް ނުދެއްވާނެކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި މިއަދު ހަވީހު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ ރައީސް ޔާމީންގެ ނަންފުޅު ނެތް އިންތިޚާބަކަށް ޖާގަދޭ ގޮތަކަށް ނޫން ކަމަށެވެ.
އަދި ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށާއި އެމަނިކުފާނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭތަން ފެންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“ރައީސް ޔާމީންގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ ފަސް އަހަރުގެ ހުކުންވެސް ކުރީ ނުހައްގުން. ސުޕްރީމް ކޯޓުން އެ ހުކުން ބާތިލު ކުރުމުން މިނިވަންވެވަޑައިގެން ލިބިގެންދިޔަ އަނިޔާތަކާއިއެކު ސިޔާސީ މައިދާނަށް ނުކުންނެވީ ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް“ އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ރިޔާސީ އިންތިހާބުގައި ބައިވެރިނުކުރުމަށް ކަމަށާއި އަނިޔާވެރިވުން ނޫން ކަމެއް މި ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.