އަލްހާން ވިދާޅުވަނީ، ޕީޕީއެމްގެ ލީޑަރޝިޕާ ރައީސް މައުމޫން ހަވާލުވެވަޑައިގަންނަންވީ ކަމަށް

މިއީ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ޕީޕީއެމްގެ ލީޑަރޝިޕާ އަލުން ހަވާލުވެވަޑައިގަންނަންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ފޮޓޯއެއް، ޓްވިޓަރގައި ހިއްސާ ކުރައްވައި އަލްހާން ވިދާޅުވީ، އެމްއާރްއެމްގެ ޒަޢީމް އަލުން އަނބުރާ ޕީޕީއެމާ ހަވާލުވާން ޖެހޭ ކަމަށެވެ.
ރައީސް މައުމޫން ޓެގް ކުރައްވައި، އަލްހާން ކުރެއްވި ޓްވީޓުގައި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.
ޕީޕީއެމް އަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީއެވެ. އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 11 އަހަރަށް ޖަލު ބަންދު ކުރުމަށް ދަށު ކޯޓުން ޙުކުމް ކުރެއްވީ، ނިމިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުވެސް މެއެވެ.
ޖަލު ޙުކުމާއެކު، ރިޔާސީ ރޭހަށް ނުކުންނެވުމުގެ ފުރުޞަތު ބަންދުވިޔަސް، އެމަނިކުފާނު މިނިވަން ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އިދިކޮޅުން ބުނެއެވެ.