ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވުމަކީ އުފާކުރަންޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ކުރައްވާ ކެމްޕޭނާ ގުޅޭ މައުލޫމާތު ދެއްވުމަށް މިރޭ ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވުމުން ނުރުހޭނެ ކަމަށެވެ.
އަދި ރައީސް ޔާމީނަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެކަމަށާއި މީހުން ޖަލަށްލުމަކީ މާ މޮޅު ކަމެއް ކަމަށް އެމަނިކުފާނު އެއްވެސް އިރަކު ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
“ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވީމަ ނުރުހޭނެ. އިހްސާސްތައް ހުންނާނެ. އުދާސްތައް ހުންނާނެ. އެއީ އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަންޖެހޭ ކަމެއް. އަދި އެއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ބާވަތުގެ ކަމެއް ނޫން،” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރުމާ ގުޅިގެން ނަޝީދު ވިދާޅުވީ ހުކުމް އިއްވަނީ ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ. “އުފުލިފައިވަނީ ގާނޫނުގައިވާ މާއްދާތަކުގެ ތެރެއިން މާއްދާއެއްގެ ދައުވާއެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީން އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނު ބަލިވާނެެ ހާލަތެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.