އެމްޑީޕީން ވަކިވާން އަމިއްލައަށް އެދުނުކަމަށް ބުނެ އިބުރޭ ހެދީ ދޮގު: ހާމިދު

އެމްޑީޕީގެ ކުރީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ގަފޫރު އަމިއްލައަށް އެދިވަޑައިގެން ޕާޓީން ވަކިވެފައިވާކަމަށް ވިދާޅުވެ އިބްރާހިމް ވަހީދު (އިބުރޭ) ހެއްދެވީ އިތުރުފުޅެއްކަމަށް ހާމިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެކުލަވައިލި އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބުރޭ ވަނީ ބައެއް ބޭފުޅުން އަމިއްލައަށް އެދިވަޑައިގެން ޕާޓީން ވަކިވެފައިވާކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން ކުރީގެ ސްޕޯކްސްޕާސަން ހާމިދު ޕާޓީން ވަކިވެވަޑައިގެންނެވުމަށް ސިޓީ ފޮނުއްވައި ކުރީގެ ސެކެޓްރީ ޖެނެރަލަށް ތަކުރާރުކޮށް ގުޅުއްވިކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް
"މިއިންނެވީ އަޅުގަނޑުމެންގެ ކުރީގެ ސެކެޓްރީ ޖެނެރަލް. އޭނަގެ (ހާމިދުގެ) ފޯމު އިލެކްޝަނުން އޭނަ ޕާޓީން ކަނޑައިދިނުމަށް ލަސްވާތީ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ސެކެޓްރީ ޖެނެރަލަށް ގުޅުއްވައި އަވަސްކޮށްދޭންވެސް އެދުނު" އިބުރޭ ވިދާޅުވި އެވެ.
ހަސަން ލަތީފު މިގޮތަށް ކަން ކުރެއްވީ ހާމިދު ތަކުރާރުކޮށް އެކަމަށް އެދި ގުޅުއްވާތީކަމަށް އިބުރޭ ވިދާޅުވި އެވެ.
މިވާހަކަތައް ދޮގު ކުރައްވަމުން ހާމިދު ވިދާޅުވީ އޭނާ އެދިވަޑައިގެންނެވީ ޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަންގެ މަގާމުން ވަކިވެވަޑައިގެންނެވުމަށް ކަމަށެވެ. ޕާޓީގެ މެމްބަރުކަމުން ވަކިވާން ދުވަހަކުވެސް އެދިވަޑައިނުގަންނަވާކަމަށް ހާމިދު ވިދާޅުވި އެވެ.
"ލިޔެކިޔުންތައް ނުބެލެހެއްޓޭތީ ހާލު ރީނދޫ ޓައީ ތުރުކުރައްވައިގެން ވައްކަން ކުރަނީ" އިބުރޭއަށް ރައްދު ދެއްވަމުން ހާމިދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބުނާ ގޮތުގައި މެމްބަރުންނަށް އެންގުމެއް ނެތި 39،000 މެމްބަރުން ވަނީ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ބޭފުޅުންނާއި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ.