ފާޑުކިޔުމުގެ މިނިވަންކަން އެމްޑީޕީގައި ތަންމިނަށް އެބައޮތް، ވާދަވެރި ކެނޑިޑޭޓުގެ ޓީމަށް ބަލާލުމުން އެކަން އިނގޭ

ފާޑު ކިޔުމުގެ މިނިވަންކަން އެބައޮތް ކަމަށާއި ރައީސް ނަޝީދުގެ ކެމްޕެއިންގައި ސިޔާސީ މަޤާމުތަކުގެ މީހުން އެބަތިބި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ޖަގަހައިގައި މިހާރު ކުރިއަށްދާ ރައީސް ޞާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މީކާއިލް ވިދާޅުވީ އެންމެންވެސް ފާހަގަކުރަމުން ދިޔަ އެއް ސިފައަކީ ރައީސް ޞާލިޙް ކަންކަމާމެދު ގޮތް ނިންމެވުމުގެ ކުރިން ވިސްނަވާކަން ކަމަށެވެ. އަދި އެގޮތުގެ މަތީން ރައީސް ޞާލިޙް ކަންތައްތައް ނިންމަވަމުންދާ ކަމަށް މީކާއިލް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ޕާޓީ ތެރޭންވެސް ބަޔަކު ބުނަމުން އައީ ވާގަވެރިވުމާއެކު ފާރަވެރިވާށޭ. ސަރުކާރު ކެނޑިޑޭޓެއް ނަމަ ވާގަވެރިވާން ޖެހޭނެ. އަދި ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި ހުންނަނަމަ ފާރަވެރިވެސްވާން ޖެހޭނެ” މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ފާޑުކިޔުމުގެ މިނިވަންކަން މި ޕާޓީން އެބައޮތް ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ ރައީސް ޞާލިޙްއާ ދެން ވާދަކުރައްވާ ކެނޑިޑޭޓު، ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުންވެސް އެމަނިކުފާނު ހޮވާފައި ތިއްބެވި ލީޑަރުން ފެނިގެން ދިޔުން ކަމަށެވެ.
“ފާޑުކިޔުމުގެ މިނިވަންކަން މި ޕާޓީގަ ތަންމިނަށް އެބަ އޮތް. އެ ޖާގަ މިޕާޓަިއަށް އޮތްކަން ރަމްޒުކޯށްދޭ އެންމެ ބޮޑު ހެއްކަކީ ރައީސް ޞާލިޙް، ހުދު އެމަނިކުފާނު ނިކުންނަވާ ހުންނެވި ޕްރައިމަރީގައި އެމަނިކުފާނު ހޮވާފައި ތިއްބެވި ސިޔާސީ ލީޑަރުން އެމަނިކުފާނާ ވާދަކުރާ ކެނޑިޑޭޓުގެ ކެމްޕޭނުން ފެނިގެން ދިޔުން” މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ ފާޑުކި ނަމަވެސް މެމްބަރުން އުސޫލުތަކާ ހިލާފުވާ ހިސާބައް ދިޔުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ޕްރައިމަރީ ބޮޑުތަނުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.