ބޮލީވުޑް މުނިފޫހިފިލުވުން

ޝާހުގެ ދަރިފުޅު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނޯރާއާ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ބޮލީވުޑް ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ޚާން، ބޮލީވުޑްގެ އައިޓަމް ގާލް ނޯރާ ފަތޭހީ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

Ads by STELCO

މިދިޔަ ހަފްތާ ބަންދުގައި އާރްޔާންއާއި ނޯރާ އެއް ޕާޓީއެއްގެ ތެރެއިން ވަނީ ފެނިފަ އެވެ. މިކަން މީޑިއާގެ ސަމާލުކަމަށް އައިސް ޕާޓީއަށް ފަހުގައިވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރިކަމަށް ވާހަކަ ދެކެވެ އެވެ.

އެއާއެކު އާރްޔާންއާއި ނޯރާގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި މިވާހަކަ ދައްކަން ފެށި އެވެ. ގިނަ ބަޔަކަށް މިޖޯޑު ވަރަށް ކަމުދިޔަ އެވެ. އެހެންނަމަވެސް އުމުރުގެ ތަފާތު ބޮޑުކަމުން އަނެއްބަޔަކަަށް މިޖޯޑު ކަމަކު ނުދިޔަ އެވެ.

އާރްޔާންގެ އުމުރަކީ 25 އަހަރެވެ. އަނެއްކޮޅުން ނޯރާގެ އުމުރުން 30 އަހަރެވެ. އާރްޔާން އަކީ ޝާހުއާއި ސިފަ ވައްތަރުކަމުން މާ ކުރީއްސުރެއް މީޑިއާގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ. ސްކްރީނުން ފެނުމުގެ ކުރިންވެސް އޭނާގެ އެތައް ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ.

އަނެއްކޮޅުން ނޯރާއަކީ ބޮލީވުޑްގެ ގިނަ އައިޓަމް ލަވަތަކުން މަޝްހޫރުވެ އާންމުންގެ ލޯބި ހޯދާފައިވާ މީހެކެވެ. އޭނާގެ މަގުބޫލުކަން އިތުރުވެގެން ދިޔައީ، މިދިޔަ އަހަރު އޮތް ވޯލްޑްކަޕްގެ ރަސްމީ ލަވައިން އޭނާ ފެނުމުންނެވެ.

ކޮންމެއަކަސް ބޮލީވުޑް ޚަބަރުތައް ގެނެސްދޭ "ބޮލީވުޑް ލައިފް" އިން ވަނީ ދެތަރިންގެ ގުޅުމުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ގެނެސްދީފަ އެވެ. އެ މީޑިއާއިން ބުނާ ގޮތުގައި އާރްޔާން އާއި ނޯރާ އެއް ޕާޓީއަކުން ފެނުނީ ދެމީހުންގެ ރަހުމަތްތެރިންގެ އޮތް ގުޅުމެއްގެ ސަބަބުންނެވެ. އެކަމަކު ދެމީހުން ވާހަކަ ދައްކައި ގުޅުން ބަދަހި ކުރިކަމަށާއި، ލޯބީގެ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އެމީޑިއާއިން ބުންޏެވެ.

އާ އަހަރާއި ކްރިސްމަސް ޕާޓީގައިވެސް ދެމީހުން އެކީގައި އުޅުނަސް އެއީ މާ ޚާއްސަ ގުޅުމެއް އޮވެގެން ނޫންކަމަށް އެމީޑިއާއިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މިކަން ކަށަވަރުވާ އެއްވެސް މަސްދަރެއް މިހާތަނަށް ލިބިފައި ނެތެވެ.

އާރްޔާން ދަނީ އޭނާގެ ފުރަތަމަ ފިލްމު ޑައިރެކްޓު ކުރަން ތައްޔާރުވަމުންނެވެ. ޝާހުގެ ޕްރޮޑަކްޝަން ހައުސް، ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ އެ ފިލްމުގެ ސްކްރީންޕްލޭވެސް ލިޔުނީ އާރްޔާން އެވެ. ބެލެވޭ ގޮތުގައި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެެ އެވެ. އަދި އިތުރު ތަފްސީލުވެސް ވަރަށް އަވަހަށް ހާމަކުރާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!