ޚަބަރު ސިޔާސީ

ކޮށްދޭ ކަންކަމަށް ޝުކުވެރިވާންޖެހޭ، ބައެއް ޤައުމުތަކުގައި މަދަރުސާވެސް ނެތް: ހަސަންޓޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ޙަސަން މުޙައްމަދު

ސަރުކާރުން ކޮށްދޭ ކަންކަމަށް ރައްޔިތުން ޝުކުރުވެރިވާން ޖެހޭ ކަމަށާއި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި މަދަރުސާވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، ޙަސަން މުޙައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"އެމްޑީީޕީ ކުރިއަށް" ކެމްޕެއިންގެ ތެރެއިން، ރޭ ރ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަންޓޭ ވިދާޅުވީ، އެމްޑީޕީން ވެރިކަން ހޯދީ ރާއްޖެއަށް ބަދަލެއް ގެނައުމަށް ކަމަށާއި، އެ ބަދަލު މިހާރު ގެންނަމުންދާ ކަމަށެވެ.

އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، 15 ރަށް ހިމެނޭ ރ އަތޮޅުގެ ގިނަ ރައްޔިތުން ތިބީ ނަޖިސް ފެނުން ފެން ބޮއެގެންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަން ބަަދަލު ކުރުމަށް، ހުރިހައި ރަށެއްގައި ފެނާ ނަރުދަމާ ޤާއިމު ކުރުމުގެ މަސައްކަތް ކުރަނީ މި ސަރުކާރުން ކަމަށެވެ.

ހަސަންޓޭ އިތުރަށް ވިދާޅުވީ ސަރުކާރުން ކަންކަން ކޮށްދޭއިރު، "ހަޅޭލެވުމުގެ ބަދަލުގައި" ޝުކުރުވެރިވާން ޖެހޭ ކަަމަށެވެ. ދުނިޔޭގައި މަދަރުސާތަކުގައި ކިޔެވުމުގެ ފުރުސަތުން މަހުރޫމް ވެފައިވާ އެތައް މިލިއަން ކުދިން ތިބިކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ދިވެހީންނަށް އެފަދަ ހާލެއް ނުޖެހޭ ކަމަށެވެ.

"މިއަދު ގޭގައި ތިބެލާފަ އޮންލައިންކޮށް އެ ޑިގްރީ ހަދާލަނީ. އެކަން ނުވީ. ނުވީމާ އޭރުގެ ކެންޑިޑޭޓް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެ ދަނީ އެ މަސައްކަތް ކުރައްވަމުން."

ހަސަންޓޭ ވިދާޅުވީ އުނގޫފާރުގެ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލު ކުރުމުގެ މަޝްރޫޢު، މި އަހަރު ނިންމައިލެވޭނެ ކަަމަށާއި، މި މަޝްރޫޢު ނިމުމުން، ރ އަތޮޅުގެ ރައްޔިތުން، ސިއްޙީ ޚިދުމަތް ހޯދަން، މާލެއަށް ދަތުރު ކުރަން ޖެހޭ ކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ހަސަންޓޭ އިތުރަށް ވިދާޅުވީ ސަރުކާރުން ނުކޮށްދޭ ކަންކަމުގެ ވާހަަކަވެސް އޭނާ ދައްކާނެ ކަމަށާއި، ރައްޔިތުންނަށް ވީ ކޮންމެ ވައުދެއް ފުއްދުމަށް ސަރުކާރާ އެކުގައި ހުންނަވާނެ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!