ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަކީ ޓީމް ކެޕްޓަނެއްކަމަށާއި ޓީމް ލީޑަރެއް ކަމުގައި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭނަށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަބްރޫކް ވިދާޅުވީ މިކަމުގައި އެންމެ އަސާސީ ސިފައަކީ އަޑުއެއްސެވުން ކަމަށެވެ.
"އަޅުގަނޑަށް ފުރަތަމަ ފާހަގަ ކުރެވުނު އެއްކަމަކީ ރައީސް ޞާލިހަކީ ޓީމް ކެޕްޓަނެއް. ޓީމް ލީޑަރެއް. ކުރައްވާ ކޮންމެކަމެއް ކުރައްވާނީ ޓީމާއެކީގައި. ކުރައްވާ ހުރިހާ މަސައްކަތްތަކެއްގައި ޓީމް ބައިވެރިކުރާނެ. ކޮންމެ ފަހުރެއްގައި އެޓީމުގެ ބައިވެރިވުން އޮވޭ. އަދި ދިމާވާ ކޮންމެ ދައްޗެއްގައި ޓީމަށް ހިތްވަރު ދެއްވާ. މިކަމުގައި އެންމެ އަސާސީ ސިފައަކީ އަޑުއެއްސެވުން" މަބްރޫކް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި މަބްރޫކް ވިދާޅުވީ ރައީސް ޞާލިހަށް ތާއިދު ކުރައްވަން ނިންމަވާފައިވަނީ ވަޒީފާއެއް އޮވެގެން ނޫން ކަމަށާއި އެއްޗެއް ހޯދާކަށްވެސް ނޫން ކަމަށެވެ.
ކޮވިޑް 19 ގެ ހާލަތުގެ ހަނދާން އާކުރައްވާ މަބްރޫކް ވިދާޅުވީ އެދުވަހުގެ ބިރުވެރިކަމާއި މާޔޫސްކަމާއި ހިތުން ފިލައިގެން ނުދާކަމަށެވެ. އަދި އެދުވަހު ރައީސް ދެއްވި ހިތްވަރު ހަނދާން ނުނެތޭނެކަމަށާއި ކޮވިޑު 19 އިން އަރައިގަތުމަށް ކުރި މަސައްކަތަކީ ރައީސަށް ތާއީދު ކުރަން ނިންމި އެއް ސަބަބު ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑު ހިތުން ފިލައިގެން ނުދޭ، އެދުވަހުގެ ބިރުވެރިކަމާއި މާޔޫސްކަމާއި، ރައީސް އަޅުގަނޑުމެނަށް ދެއްވި ހިތްވަރު. ކޯވިޑު 19 އިން އަރައިގަތުމަށް ކުރި މަސައްކަތަކީ އަޅުގަނޑު ރައީސަށް ތާއީދު ކުރަން ނިންމި އެއް ސަބަބު" މަބްރޫކް ވިދާޅުވިއެވެ
މަބްރޫކް ވިދާޅުވީ ކޮވިޑް19 ގެ ހާލަތުން މިއަދުގެ ހާލަތައް އާދެވުނީ އިއްތިފާގަކުން ނޫންކަމަށެވެ. އަދި ރާއްޖެ އޮތީ މިކަމުގައި މާފަހަތަށް ގޮސްދާނެ ހާލަތުގައި ނަމަވެސް ކުރެވުނު މަސައްކަތްތަކުން މިދުވަސް ހޯދިފައިވާ ކަމަށް މަބްރޫކް ފާހަގަ ކުރިއެވެ.