އޭޝިއާ ދުނިޔެ

ބިލިއަނަރަކަށް ލިބުނު ގެއްލުމުގެ ސަބަބުން އިންޑިއާގެ މާލީ ނިޒާމު ގަޑުބަޑުވެދާނެކަމުގެ ބިރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި މަހުޖަނު ގޯތަމް އަދާނީ

ސްޓޮކް އެކްސްޗޭންޖް މާކެޓުގައި އިންޑިއާގެ މަޝްހޫރު ބިލިއަނަރު ގޯތަމް އަދާނީއަށް ލިބުނު ގެއްލުމުގެ ސަބަބުން މުޅި އިންޑިއާގެ މާލީ ނިޒާމު ގަޑުބަޑުވެދާނެކަމުގެ ބިރު އުފެދިއްޖެ އެވެ.

Ads by Sosun Fihaara

އަދާނީއަށް ލިބުނު ގެއްލުން އިއްޔެގެ ނިޔަލަށް ވަނީ 100 ބިލިއަން ޔޫއެސް ޑޮލަރަށްވުރެއް މައްޗަށް ގޮސްފަ އެވެ. މިއާއިއެކު އަދާނީ އެންޓަޕްރައިޒަސްއިން ވަނީ 2.5 ބިލިއަން ޑޯލަރުގެ ހިއްސާ ދޫކޮށްލައިފަ އެވެ.

މިހާ ގިނަ އަދަދެއްގެ ހިއްސާ ވިއްކައިލުމަކީ އަދާނީއަށް މިފަހުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު ގެއްލުމެވެ. މިދިޔަ މަދު އަހަރުތަކުގައި އަދާނީގެ މާލީ ހާލަތު ރަނގަޅުވަމުން ގޮސް އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އާމްދަނީއަށް މިވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.

ގްރޭޑު 10 އިން ފެއިލްވެ ބިލިއަނަރަކަށްވި އަދާނީ އޭނާގެ ކުންފުނިން ހިއްސާ ދޫކޮށްލުމާއިއެކު، އެކުންފުނީގެ ދަށުން ހިންގަމުން އައި ވިޔަފާރިތަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. އަނެއްކޮޅުން އަދާނީ ފަންޑުކުރަމުން އައި ސިޔާސީ ހަރަކާތްތަކަށްވެސް މީގެ ސަބަބުން ވަނީ އަސަރުތަކެއް ކޮށްފަ އެވެ. މިއާއެކު އޭނާއާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވަނީ މިމައްސަލައިގެ ފުޅާ ތަހުގީގެއް ހިންގަން ގޮވާލައިފަ އެވެ. އަދި އިންޑިއާގެ މަރުކަޒީ ބޭންކުން މިކަމަށް ހުށަހެޅިފައިވޭތޯވެސް ބަލަން ވަނީ ގޮވާލައިފަ އެވެ.

ސިޓީގްރޫޕުގެ މާލީ ޔުނިޓުން ވަނީ އަދާނީ ގްރޫޕުގެ ސެކިއުރިޓީ ހުށަހަޅާފައިވާ ފަރާތްތަކަށް ލޯނު ދޫކުރުންވެސް ހުއްޓާލައިފަ އެވެ.

ބަނދަރުތައް ހެދުމުން ފެށިގެން ކަރަންޓު ދާއިރާއަށް ވިޔަފާރި ފުޅާކުރަން މަސައްކަތް ކުރަމުންދާ އަދާނީ ގްރޫޕަށް މި ގެއްލުމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އެވެ. ފާއިތުވި އަހަރުތަކުގައި އެކުންފުނިން ވަނީ ފްރާންސްގެ ޓޯޓަލްއެނާޖީސް ފަދަ ބޭރުގެ ބޮޑެތި ކުންފުނިތަކާއިއެކު ޕާޓްނަޝިޕް ހަދައި، އަބޫދާބީގެ އިންޓަނޭޝަނަލް ހޯލްޑިން ކޮމްޕެނީ ފަދަ އިންވެސްޓަރުން ޝައުގުވެރިކޮށްފަ އެވެ.

ފައިސާގެ ބާޒާރަށް އައި މި ބޮޑު ބަދަލާއިއެކު އިންޑިއާގެ މާލީ ނިޒާމު ގަޑުބަޑު ވެދާނެކަމުގެ ބިރުވެސް އެބަ އޮތެވެ. އިގްތިސޯދީ މާހިރުން ދަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ އަދާނީއަށް ކުރިމަތިވެގެން އުޅޭ ކަންކަމާއި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށެވެ. އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ފާއިތުވި އަހަރުތަކުގައި ދެބޭފުޅުން ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވީ އެކީގަ އެވެ. އެހެންނަމަވެސް އަދާނީއަކީ ފާޅުގައި ސިޔާސީ މަސައްކަތް ކުރައްވާ ބޭފުޅެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!