ޚަބަރު ރައްޔިތުންގެ މަޖިލިސް

އިދިކޮޅު މެމްބަރުން އަޑު ގަދަ ކުރާތީ، މަޖިލިސް މެދުކަނޑައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބާއްވާ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކު އިދިކޮޅު މެމްބަރުން މަޖިލީސް ތެރޭގައި އަޑުގަދަ ކުރަން ފެށުމުން ޖަލްސާ މެދުކަނޑާލައިފިއެވެ.

ރައީސް ޞާލިޙު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއެކުގައި ނައިފަރު ދާއިރާގެ މެމްބަރު އަޙުމަދު ޝިޔާމް ވަނީ ރައީސްގެ އިސްތިއުފާއަށް ގޮވައިލައްވައި އަޑުގަދަ ކުރައްވަން ފައްޓަވައިފައެވެ.

މިއާއެކު މަޖިލީހުގެ ރައީސް ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ވަނީ ޝިޔާާމްގެ ނަން އިއްވައި، މަޖިލިސް ދޫކުރައްވާ ވަޑައިގެންނެވުމަށް ދަންނަވައިފައެވެ. އެހެންނަމަވެސް އޭނާވަނީ މަޖިލީސް ދޫކުރައްވަައި ވަޑައިނުގަންނަވާ އަޑުގަދަ ކުރައްވައިފައެވެ. އެއަށްފަހު އިދިކޮޅު އިތުރު މެމްބަރުން ވަނީ ޝިޔާމްއާއެކު މަޖިލީހުގެ ތަޅުމުގައި އަޑު ގަދަކުރައްވައިފައެވެ.

މިގޮތުން މަޖިލީހުގެ ތަޅުމުގައި އަޑު ގަދަ ކުރުމުގެ ސަބަބުން މާވަށު ދާއިރާގެ މެމްބަރު ސައީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިގު، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީީމް ފަޒުލް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދުގެ ނަން އިއްވާއި މަޖިލީސް ދޫކުރައްވާ ވަޑައިގެންނެވުމަށް ވަނީ މަޖިލީސްގެ ރައީސް އެދިވަޑައިގަންނަވައިފައެވެ.

އެހެންނަމަވެސް އަޑުގަދަ ކުރެއްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި، މަޖިލިސް މެދު ކަނޑައިލީ އެމްމެމްބަރުން ނުކުތުމުން އަލުން މަޖިލީސް ފައްޓަވާނެކަމަށް ވިދާޅުވުމަށް ފަހުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!