ދުނިޔެ

ހިތްދަތި ތަސްވީރެއް: ބައްޕައަކު ފުރާނަ ނެތް ދަރިފުޅުގެ އަތުގައި ހިފަހައްޓައިލައިގެން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ތުރުކީ އަދި ސީރިއާ ހިމެނޭ ސަރަހައްދަށް އައި ބިންހެލުމާ ގުޅުންހުރި ހިތާމަވެރި އެތައް މަންޒަރެއް ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

Ads by Sosun Fihaara

ތުރުކީގެ ކަހްރަމަންމަރާސްއަށް އައި ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އަށްހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސީރިއާގެ ދެ ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއާއެކު ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 11،000އަށް އަރައިފައެވެ.

ބިންހެލުމާ ގުޅިގެން ފެންނަމުންދާ އެންމެ ހިތްދަތި މަންޒަރަކީ މައުސޫމް ކުޑަކުދިންގެ ފުރާނަ ނެތް ހަށިތަކުގެ މަންޒަރެވެ. އެގޮތުން ބައްޕަ އަކު، އިމާރާތެއްގެ ދަށުވެ، މަރުވެފައިވާ އޭނާގެ އުމުރުން އެންމެ 15 އަހަރުގެ އަންހެން ދަރިފުޅުގެ އަތުގައި ހިފަހައްޓައިލައިގެން، މޮޅިވެރިކަމާއެކުގައި އިން ފޮޓޯއަށް އެތައް ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. މި ފޮޓޯ ވެފައިވަނީ ގިނަ ބައެއްގެ ލޮލުން ކަރުނަ ހިލުވައިލި ފޮޓޯއަކަށެެވެ. ކިހައި އަސަރެއް ކުރާނެ ހެއްޔެވެ؟ އަމިއްލަ ދަރިފުޅު އެ ޙާލުން ސަލާމަތް ކުރެވުނު ނަމައޭ، އެ ނިކަމެތި ބައްޕަގެ ހިތަށް ނާރާނެ ހެއްޔެވެ؟

މަތީގައިވާ ފޮޓޯއިން އެ ފެންނަނީ، މެސުޓް ހެންސާއެވެ. އޭނާ އެއިނީ މަރުވެފައިވާ ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން، ބިމާ ހަމަވެފައިވާ އިމާރާތުގެ އެކި ބައިތަކުގެ ތެރޭގައެވެ.

މިއީ ތުރުކީ-ސީރިއާއަށް އެރި 7.8 އަދި 7.6 މެގްނިޓިއުޑްގެ ބާރުގަދަ ދެ ބިންހެލުމާއި، އެ ދެ ބިންހެލުމަށްފަހުގައި އެރި 100އަށްވުރެ ގިނަ ކުދި ލޮޅުންތަކުގެ އަސަރު އެތައް ގޮތަކުން ކުރި އެތައްހާސް މީހުންގެ ތެރެއިން، އެންމެ މީހަކަށް ދިމާވި ހިތްދަތިކަން ދައްކުވައިދޭ ފޮޓޯއެކެވެ. އަދި މިފަދަ ކިތަންމެ ތަސްވީރެއް ކެމެރާގެ ލެންސަށް ނާރާ ހުންނާނެ ނޫންތޯއެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!