މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: ތުރުކީއަށް އެހީ ލިބޭއިރު، ސީރިއާއަށް ނުލިބޭ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބިންހެލުމާއި ގުޅިގެން ތުރުކީ ރައްޔިތުންނަށް އެހީ ލިބެމުންދާއިރު ސީރިއާ ރައްޔިތުންނަށް އެހީ ނުލިބި ހާލުގައިޖެހިފައި ވާކަމަށް އޮފިޝަލުން ބުނެފިއެވެ.

Ads by Sosun Fihaara

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ ތުރުކީއަށް ދުނިޔޭގެ އެކި ޤައުމުތަކުން ރެސްކިއު ޓީމުތަކާއި އެހީގެ ސާމާނު ފޮނުވި ނަމަވެސް، ސީރިއާގެ ހުޅަނގު އުތުރުގެ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އެ އެހީގެ ތެރެއިން  ލިބިފައިވަނީ މަދު މިންވަރެއްކަމަށް އެ ޤައުމުގެ ރައްޔިތުން ބުނެއެވެ.

ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ބާބް އަލް ހަވާ ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި ހަރަކާތެރިވަމުން އަންނަ  މެޑިކަލް ވޮލަންޓިއާ އޮބައިދާ ރަންނޫޝް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއަށާއި، ޢަރަބި ޤައުމުތަކަށާއި، އ.ދ. އެސަރަހައްދަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލައިފައެވެ.

އެ ސަރައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން ބުނާގޮތުގައި ބިންހެލުން އައިތާ 60 ގަޑިއިރަށް ވުރެ ގިނައިރު ވީއިރުވެސް، އެތައް ސަތޭކަ ބަޔަކު ކުނީގެ ދަށުގައި ތާށިވެފައި އެބަތިއްބެވެ. އަދި ލިބިފައިވާ މަދު ވަސީލަތްތަކުގެ ސަބަބުން އެމީހުން ސަލާމަތް ނުކުރެވޭ އިރު އެސަރަހައްދަށް ހެވީ މެޝިނަރީއާއި އިންސާނީ އަދި ބޭސްފަރުވާގެ އެހީ ބޭނުންވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިހައިތަނަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ބޯޑަރު ހުރަސްކޮށްފައެއް ނުވާކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި ހަބަރު ލިބިފައިވާގޮތުގައި އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލުން ތިބީ ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އެހީއެއްގެ އިންތިޒާރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!