މެދުއިރުމަތި ދުނިޔެ

ބިންހެލުމުގެ ވަގުތު ހޮސްޕިޓަލެއްގެ ނަރުހުން އިންކިއުބޭޓަރުގައި ބައްދައިގެން، ފުރާނައަށް ބެލުމެއްނެތި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ވަގުތުގައި ތުރުކީގެ ހޮސްޕިޓަލެއްގެ ނިއޯނެންޓަލް އައިސީޔޫގައި މަސައްކަތް ކުރާ ނަރުހުންތަކެއް ފުރާނައަށް ބެލުމެއްނެތި ތުއްތުކުދިންގެ އިންކިއުބޭޓަރުގައި ބައްދައިގެން ތިބި ވީޑިއޯތަކެއް ދައުރުވާން ފަށައިފިއެވެ.

Ads by WAMCO

ބާރުގަދަ ބިންހެލުން އައިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ފެންނާނެކަމުގެ އުއްމީދު މިހާރު މުޅިންގެން ގެއްލިފައިވާއިރު ބިންހެލުމުގެ ވަގުތުގެ ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެވެ. މިގޮތުން މިހާރު ވައިރަލް ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ތުރުކީގެ ދެކުނުގެ ހޮސްޕިޓަލެއްގެ ނިއޯނޭޓަލް ޔުނިޓުގެ ނަރުހުން ބިންހެލުން އައި ވަގުތުތަކުގައި އެތާނގައި ތިބި ކުދިންގެ އިންކިއުބޭޓަރުތަކުގައި ތިބި ތުއްތު ކުދިން ހިމާޔަތް ކުރުމަށް ދުވެ އިންކިއުބޭޓަރުގައި ބައްދައިގެން މަންޒަރު ސީސީޓީވީން ފެނެއެވެ.

"އަހަރުމެން ތިބީ ވަރަށް ބިރުން އެކަމަކު ބިރުގަތީ އަހަރުމެންނަށްޓަކައެއްނޫން. އެތާގައި ތިބި ބޭބީސް އަށް ވާނެ ގޮތަކާއި ދޭތެރޭ ބިރުގަތީ ހިތަށް އެރީ ކިހިނެތްބާއޭ އެކުދިން ރައްކާތެރިކުރާނީ" އެވަގުތު ޑިއުޓީގައި ހުރި ނަރުހަކު ކިޔައި ދިނެވެ.

އިތުރު ނަރުހަކު ބުނިގޮތުގައި އެންމެ ބިރުގަތީ އިންކިއުބޭޓަރތަކަށް ގުޅައިވާ ނަރުތަކާއި ކުދިންގެ ގަޔަށް ގުޅާފައިހުރި އައިވީތަކަށް ގޮތެއް ވެދާނެގޮތަކާއި މެދުއެވެ.

މިމަހުގެ 6 ވަނަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34.000 އިން މައްޗައް ގޮސްފިއެވެ. އެންމެފަހުގެ މައުލޫމާތު ތަކަށް ބަލާލާއިރު ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 34،179 އަށް ވަނީ އަރައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!