ޚަބަރު ދުނިޔެ

ދިރި ހުރި މީހަކު ފެންނާނެ ކަމަށް ހީވެސް ނުކުރަން: ވޮލަންޓިއަރެއްގެ ތަޖުރިބާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސަލާމް އަލް މަހްމޫދަކީ ވައިޓް ހެލްމެޓްސްގެ ނަމުން މަޝްހޫރު ސީރިއާ ސިވިލް ޑިފެންސް ޓީމުގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ވޮލަންޓިއަރެކެވެ. ސީރިއާ އާއި ތުރުކީއަށް މިދިޔަ ހަފުތާގައި 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 36،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސީރިޔާގެ ހުޅަނގު އުތުރުގައި ސަލާމް ގެންދަނީ ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ހަރަކާތްތެރިވަމުންނެވެ.

Ads by Sosun Fihaara
Ads by WAMCO

ބިންހެލުމާ ގުޅިގެން ސީރިޔާގެ 5.3 މިލިއަން މީހުން ގެދޮރު ގެއްލިދާނެ ކަމަށް އދ.ގެ އެހީގެ ވެރިޔާ މާޓިން ގްރިފިތްސް އަމިއްލަފުޅަށް ވިދާޅުވިއިރު، އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތް ކުރުމުގައި ނާކާމިޔާބުވެފައިވާ ކަމަށް މާޓިން އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަތުމާ ގުޅިގެން، އެ ޤައުމުގެ ހުޅަނގު އުތުރުގައި ދިރިއުޅޭ މީހުން ވަނީ އދ އާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ އެހީތެރިކަން ނުލިބޭ ކަމަށް ބުނެ، ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ސަލާމް ދިރިއުޅެނީ ހުޅަނގުގެ އިދްލީބުގެ އަވަށުގެ ސަހްލް އަލް ރޯޖްގައެވެ. އޭނާ ވަނީ އެ ސަރަހައްދަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކުން ސަލާމަތްވެފައެވެ.

ވައިޓް ހެލްމެޓްސް އިން ބުނި ގޮތުގައި 550 އިމާރާތެއް ވަނީ މުޅިން ހަލާކުވެފަ އެވެ. މިތަނުގައި މި ހިއްސާ ކުރަނީ ސަލާމް ބޭރުގެ ނޫހަކަށް ކިޔައިދިން، އޭނާގެ ތަޖުރިބާއެވެ.

"ފަތިހު 4:17 ހާއިރު ބިންހެލުން އައިއިރު އަހަރެންނާއި އަހަރެންގެ އާއިލާ އެންމެން ތިބީ ނިދާފައެވެ. ބިންހެލުން އައުމާއެކު މުޅި ބިންގަނޑު ތެޅެމުން ދިޔައެވެ. ސީރިއާ ސަރުކާރުގެ ވައިގެ ހަމަލާތަކަށް އާދަވެފައި އޮތުމުން އެއީ މިސައިލެއްގެ އަސަރެއް ކަމަށް ފުރަތަމަ ހީކުރީމެވެ. އެކަމަކު ދެން އެނގުނީ މިއީ ބިންހެލުމެއްކަމެވެ. އަހަރެން ވިސްނަމުން ދިޔައީ، ދަރިން ރަނގަޅުތޯއެވެ؟ އަންހެނުން ރަނގަޅުވާނެ ހެއްޔެވެ؟

ހެނދުނު 8:00 ހާއިރު އަހަރެންނަށް އިވުނީ އިމާރާތްތަކުގެ ދަށުގައި މީހުން ވަޅުލެފައިވާ ކަމުގެ ޚަބަރެވެ. އަހަރުމެންނަށް ދިމާވި ހުރިހާ ކަމަކަށްފަހު، މިކަހަލަ ކާރިސާއެއް ކުރިމަތިވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް އުންމީދެއް ނުކުރަމެވެ.

އަހަރެމެންގެ ޓީމް ފުރައިގެން އެންމެ ފުރަތަމަ މިސްރާބު ޖެހީ މިލިސް ވިލެޖަށެވެ. އެސަރަހައްދަށް އާދެވުމާއެކު އަހަރެން ހައިރާންވިއެވެ. ހަލާކުގެ މިންވަރަކީ ހީވެސް ނުކުރާވަރުގެ މިންވަރެކެވެ. ސަލާމަތްވި މީހަކު ފެނިދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔައިރު، އެ މަންޒަރު ފެނުނީ އެޕޮކަލިޕްސް އައި ހެންނެވެ.

އިމާރާތްތަކުގެ ދަށުގައި ތިބި މީހުން ހޯދައި، އެމީހުން ދިރިތިއްބާ ނެރުމުގެ ވިސްނުމުގައި އަހަރެން ހަމަޖެހިލީމެވެ. ތިރީގައި ވަޅުލާފައި ތިބި ކުދިންގެ ތެރޭގައި އަދިވެސް ނޭވާލާ ކުދިންނާ ހަމައަށް އަހަރެން ވާސިލުވާނީ ކިހިނަކުން ހެއްޔެވެ؟ އިމާރާތްތަކުގެ ދަށުން ފެނުނު ފުރާނެ ނެތް ހަށިތައް އަހަރެން ވަޅުލަމުން ދިޔައީ އަހަރެންގެ އަމިއްލަ ޢާއިލާގެ މެމްބަރުން ފަދައިންނެވެ.

އަހަރެމެންގެ މޯޓިވޭޝަނާއި ޑްރައިވް ވަރަށް ވަރުގަދައެވެ. ދެން ދުވަހަކުވެސް ދުވާލުގެ އަލިކަން ނުފެންނާނެކަމަށް ހީކުރި އަންހެނަކު ސަލާމަތްކުރީމެވެ. އޭނާގެ އެއް ދަރިޔަކު ވެސް އަހަރުމެންނަށް ސަލާމަތްކުރެވުނު ނަމަވެސް އޭނާގެ މަންމަ އާއި ފިރިމީހާ އަދި އާއިލާގެ އެހެން މީހުން ވަނީ މަރުވެފައެވެ.

އެތައް ގަޑިއިރެއް ވަންދެން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން، ސަލާމަތްވި މީހުންނަށް ގޮވައި، ކުނިތައް ނަގައި ގެންދިއުމަށް ކުރެވެން ހުރި ކަންތައްތައް ކުރަމުން ދިޔައެވެ.

ހަވީރު ހަތަރެއް ޖެހިއިރު، މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން މަސައްކަތުގައި ވަރުބަލިވެ، ގެއަށް ގޮސް އަރާމުކުރަން ބޭނުންވިއެވެ. އެކަމަކު އަހަންނަށް ބުނެވުނީ އަދިވެސް ތާށިވެފައި ހުރި އެހެން އަންހެނަކު އެބަހުރި ކަމަށެވެ. ރޭގަނޑު 10:30 އާ ހަމައަށް އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެންމެ ފަހުން އަހަންނަށް އޭނާގެ ގާތަށް އާދެވުނުއިރު ވެސް އޭނާ އޮތީ މަރުވެފައެވެ.

އެންމެ ފަހުން ގެއަށް އައީ ރޭގަނޑު 11:30 ގައެވެ. އެހެނަސް އަހަރެންނަށް ނުނިދުނީސް ދެލޯ ބޮޑުކޮށްލެވުނެވެ. އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ފަޤީރު ކުދިން ސަލާމަތްކުރަން ދުވާލުގެ އަލިކަން ފެންނަން ފެށުމުން އަހަރެން ވިސްނަމުން ދިޔައީ އެނބުރި ދިއުމަށެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނަ މީހުން ސަލާމަތް ކުރުމަށެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!