ދިހަ ދުވަސް ވަންދެން "ވަޅުލެވިފައި"، ސަލާމަތްވި ވަގުތު ފުރަތަމަވެސް އެހީ މަންމަ ކިހިނެތްތޯ
މިމަހުގެ 6 ވަނަ ދުވަހު ސީރިއާއާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ 8000 އަށް ވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވާ އިރު ކޮންމެ މީހެއްގެ ފަރާތުންވެސް އިވެމުން ދަނީ ތަފާތުވާހަކަތަކެކެވެ.
ބިންހެލުން އައިތާ 261 ގަޑިއިރު ފަހުން އިމާރާތެއްގެ ދަށުން ސަލާމަތް ކުރި އުމުރުން 33 އަހަރުގެ މުސްތަފާ އަވްޗީ ސަލާމަތްވުމަށްފަހު އެންމެފުރަތަމަވެސް ބެލީ އޭނާގެ މަންމައާއި އެންމެންގެ ހާލު ރަނގަޅުތޯއެވެ.
މިއަދު ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެޓިން ކޮކާ ވަނީ އަވްސީ އާއި އޭނާގެ ރަހުމަތްތެރިޔާއާ ދެމެދު ފޯން ކޯލް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރައްވައިފައެވެ. މި ވިޑިއޯ މިހާރު ވައިރަލް ވެފައިވާއިރު ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަގޮތުން މުސްތަފާ ސަލާމަތް ކޮށްގެން ސްޓްރެޗާގައި އޭނާ އޮތް އިރު އޭނާ ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. ސަލާމަތްވުމަށްފަހު އެކުވެރިއަކަށް ކުރި ފޯނު ކޯލުގައި އޭނާގެ މަންމައާއި އާއިލާގެ މީހުންގެ ވާހަކަ އެހުމާއެކު ވާހަކަ ދެއްކި އެކުވެރިޔާއަށް ވަނީ ރޮވިފައެވެ. އަދި އެންމެންވެސް ރަނގަޅު ކަމަށާއި އޭނާގެ ކައިރިިއަށް އައުމަށް ދަތުރުކުރަމުން އަންނަ ކަމުގައި އެކުވެރިޔާ ބުނެއެވެ.
ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 42000 އިން ވަނީ މައްޗައް ގޮސްފައެވެ. އަދިވެސް މިއަދަދު މައްޗައް ދާނެކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ. އިމާރާތްތަކުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު މަޑު ޖައްސާލައިފައި ވާއިރު އިމާރާތްތަކުގެ ދަށުން ދިރިހުރި ފުރާނައެއް ފެނުމުގެ އުއްމީދު މިހާރުވަނީ އެއްކޮށް ހެން ގެއްލިފައެވެ.